މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑިޓޭޝަން ދީފައިވާ ކޯސްތަކެއް. އަވަށްޓެރި ސްރީލަންކާގައި ގަވާއިދާ ހިލާފަށް ހިންގި ކަން އެނގުމުން އެ އޮތޯރިޓީން އެވިޑް ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.
އެކްކިޔުއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީން އެކްރިޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކެއް، އެވިޑުން ލަންކާގައި ހިންގީ އެ ގައުމުގެ "އެމަޒޯން ކޮލެޖް" އާއި ކޮން ގައުމެއްގެ ޔުނިވާސިޓީއެއް ކަން ނޭނގޭ، "އަލްޒެޓް ޔުނިވާސިޓީ" ނަމަކަށް ކިޔާ ޔުނިވާސިޓީއަކާ ގުޅިގެން ކަމަށެވެ.
އެކަން އެނގުނީ އެ ދެ ތަނުން އެވިޑްގެ ޕްރޮގްރާމް ފުރިހަމަ ކޮށް ހޯދާފައިވާ ސަނަދުތައް ސައްހަކަން ކަށަވަރުކުރަން އެ އޮތޯރިޓީއަށް ހުށަހެޅުމުން ކަމަށް ވެސް އެމްކިޔުއޭގެ ބަޔާނުގައި ބުންޏެވެ.
އެވިޑުން ލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓް ޔުނިވާސިޓީގައި ހިންގި ޕްރޮގްރާމްތަކުން ގުރެޖުއޭޓްވި ދަރިވަރުނަށް ދިން ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރަން ދަރިވަރުންނާއި އެ ގައުމުތަކުގެ ކޮލިފިކޭޝަން އެޖެންސީތަކުގެ އިތުރުން ސީދާ އެވިޑް ކޮލެޖުން ވެސް އެމްކިޔުއޭއަށް މައުލޫމާތު ދިން ކަަމަށް އެ ބަޔާނުގައި ބުންޏެވެ.
އެމްކިޔުއޭއިން ބުނީ މި ކަންކަމާ ގުޅިގެން، މި ކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގާފައިވާނެ ކަމަށެވެ.
އެހެންވެ އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާ އާއެކު، އަޅާ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި، ނަސޭހަތް ދިނުމާ އެކު، އެކަން އާއްމުކޮށް އިއުލާނުކުރީ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެވިޑް ކޮލެޖުން އެގޮތަށް ކަންތައް ކުރުމުން ރާއްޖެއަށް ލިބޭނެ ބޮޑެތި ގެއްލުންތައް ވެސް އެމްކިޔުއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އޭގެ އެއް ކަމަކީ ރާއްޖޭގައި މަތީ ތައުލީމުދޭ ތަންތަނަށް ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ އިތުބާރަށް، އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބުމެވެ.
"...އަދި މީގެ އިތުރުން މިފަދަ ކަންކަމުގެ ސަބަބުން.، ދޭދޭ ގައުުމުތަކުގެ މެދުގައި ދެމި އޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އައުން ވެސް އެކަށީގެން ވެ އެވެ. ވަކިން ހާއްސަކޮށް މިފަދަ ގަވާއިދާ ހިލާފު އަމަލުތަކުގެ ސަބަބުން، ރާއްޖޭން ބޭރުގެ ދަރިވަރުންނަށް އެކަމުގައި ގެއްލުން ލިބި، ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އައުމަށް ފަސްޖެހި، ރާއްޖޭގެ ތައުލީމީ މިންގަނޑުތަކާ މެދު ސުވާލު އުފެދި، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ބައިނަލް އަގުވާމީ މަގުބޫލުކަން ގެއްލި އެ ސަނަދުތައް ބަލައިނުގަތުމުގެ ކަންބޮޑުވުން އެބަ އޮތެވެ،" އެމްކިޔުއޭގެ ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި ހިންގަން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެމްކިޔުއޭގެ ހުއްދަ ނުހޯދައި ރާއްޖެއިން ބޭރުގައި ނުހިންގަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުރިހާ މަރުކަޒުތަކަކަށް ސިޓީއަކުން އިލްތިމާސްކޮށްފައިވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ވެސް، ރާއްޖޭން ބޭރުގައި އެމްކިޔުއޭގެ ހުއްދަ ހޯދައިގެން ކޯސްތައް ހިންގުމަށް އިލްތިމާސްކޮށްފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.