ސޯޝަލް ހައުސިންގެ ދަށުން ދޭ ފްލެޓުތަކުގެ ކުލި ކަނޑައެޅުމުގައި އެންމެ ރަނގަޅު ގޮތަކީ ފްލެޓް ލިބޭ ކޮންމެ މީހެއްގެ ހާލަތަށް ބަަލައިގެން ކުލީގެ އަގު ހަމަޖެއްސުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއްތަލިބް ވިދާޅުވީ ރާއްޖޭގައި މިހާރު ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ކަނޑައަޅަނީ "ބްލެންކެޓުކޮށް" ނުވަތަ އެންމެންނަށް އެއް އުސޫލަކުން އެއް އަގެއްގައި ކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ދިން ޖަވާބު މުއްތަލިބް ވިދާޅުވީ "ބްލެންކެޓުކޮށް" ސޯޝަލް ހައުސިން ޔުނިޓުތަކުގެ އަގު ކަނޑައެޅުމަކީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"ރާއްޖޭގައި އޮންނަނީ ބްލެންކެޓުކޮށް ކުލި ކުޑަކޮށްލުން. އެއީ އެ ފަރާތްތަކަށް ޓާގެޓުކޮށްފައި، ސަބްސިޑައިޒްކުރަން ތަންކޮޅެއް ދަތި ކަމަކަށް ވާތީ ބްލެންކެޓުކޮށް މި ކޮށްލެވެނީ. އޭގެ ތެރޭގައި ތިބޭނެ އެންމެ ފެއާކޮށް، ބޭނުންނުވާ ފަރާތްތަކަށް ވެސް ދެވިފައި. އެކަމަކު އެއީ މިވަގުތު އެކަން ކުރެވެން އޮތް އެންމެ ރަނގަޅު، ފަސޭހަގޮތް،" މުއްތަލިބް ވިދާޅުވި އެވެ.
"އެ ކަހަލަ މެކޭނިޒަމެއް އައުމަށް ފަހުގައި، ޓާގެޓުކޮށްގެން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން."
މި ސަރުކާރުން ހިޔާ ފްލެޓުތަކުގެ ޖޫރިމަނާތައް މާފުކޮށްދީ އަދި ފަހި ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް މިމަހު ކުޑަކޮށްދީފައިވާތީ އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ޑިސެމްބަރު 2023 ގައި ވެސް ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުލި ކުޑަކުރި އެވެ.
މި ސަރުކާރުން ހިޔާ ފްލެޓާއި ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ތަންތަނުގެ ކުލި ކުޑަކޮށްދީފައި ވަނިކޮށެވެ.
ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ވެސް މިދިޔަ ނޮވެމްބަރު މަހު މި ސަރުކާރުން ކުޑަކޮށްދީފައިވެ އެވެ.
ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި މުއްތަލިބް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ވެސް ބޯހިޔާވަހިކަން ޔަގީންކޮށްދިނުން ކަމަށެވެ.
މުއްތަލިބް ވިދާޅުވީ މި ސަރުކާރު އައިރު، ހިޔާ ފްލެޓްގެ ކުލިން ވަރަށް ބޮޑު އަދަދެއް ނުލިބި އޮތް ކަމަށެވެ. އަދި ޖޫރިމަނާތައް މާފުކޮށްދިނީ ސަރުކާރާއި އެ ތަންތަން ލިބިފައިވާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އެ މައްސަލަ ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރު އައިރުގައި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހިޔާ ފްލެޓް ކަހަލަ ތަންތަނުގައި ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ފަރާތްތަކުން ކުލި ނުދައްކާ. އޭގެ ތެރޭގައި އެކި ފަރާތްތަކުން އެކި ބަހަނާ ދައްކާ. ހިލޭ ގޯތި ދިނުމާއި މިކަހަލަ ބައެއް ޝަކުވާތަކެއް ވެސް އެބަހުރި،" މުއްތަލިބް ވިދާޅުވި އެވެ.
"އެހާ ގިނަ ދުވަހު ކުލި ނުދައްކާ އޮތީމާ އެ ފަރާތްތަކުގެ ވެސް ބޮޑު ދަރަންޏެއް އެ އޮތީ ހަގީގަތުގައި. އެހެންވީމަ، ކުލި ނުދެއްކީމަ ހަގީގަތުގައި ދައުލަތަށް އާމްދަނީ ނުލިބުމެއް ނޫން، އެ ފަރާތަށް ވެސް ބޮޑު ދަރަންޏެއް ބޮލުގައި އެޅޭ. އެކަމުން ސަލާމަތް ނުވެވިގެން ލޯނު ނުލިބިގެން އެ ބޭފުޅުންގެ ދިރިއުޅުމަށް ވެސް އޭގެން ދަތިތަކެއް ކުރިމަތިވޭ."
މުއްތަލިބް ވިދާޅުވީ ސޯޝަލް ހައުސިން ލިބިފައިވާ މީހުން ބަރާބަރަށް ކުލި ދައްކާނަމަ އެ ހާލަތު ނާންނާނެ ކަމަށެވެ.
"ސަރުކާރުން މި ކޮށްދިން ކަމަކީ ޖޫރިމަނާ މާފުކޮށްދިނީ. ޖޫރިމަނާ މާފުކޮށްދީފައި ފުރުސަތު ދެނީ ކުލި ދައްކާ، އެ ކުލި ދައްކައިގެން ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
"ޖޫރިމަނާތައް މާފުކޮށްދީގެން ކުލި ދައްކަން ފެށިއްޖެއްޔާ ސަރުކާރަށް ވެސް އޭގެން ފައިސާ ލިބި، އެ ފަރާތަށް ވެސް ދަރަނި އަދާކުރަން ފަސޭހަވާނެ."