ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަގުހެޔޮ ފްލެޓު އިމާރާތް ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް މަސައްކަތް ހަވާލު ކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން މިރޭ ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލް އިން އުފެއްދި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ފުރަތަމަ ހައުސިން މަޝްރޫއު މިއަދު ވަނީ ޗައިނާގެ މަޝްހޫރު ދެ ކުންފުންޏަކާ ހަވާލުކޮށް، އަންނަ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަން ނިންމައިފަ އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ އަގުހެޔޮ ފްލެޓުގެ ދެ މަޝްރޫއު ހަވާލުކުރީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.
ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ނިންފާއި ވަނީ ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ ވެސް އިތުރު ހައުސިން ޔުނިޓް އިމާރާތް ކުރަން ހަވާލުކުރަން ކަމަށެވެ.
"މިއާ އެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަންނަ ޖަނަވަރީ މަހު ފެށޭނެ،" ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީގެ މަގާމު ވެސް ފުރުއްވާ ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،000 އަށް ވުރެ ގިނަ ފްލެޓު އިމާރާތް ކުރާނެ އެވެ.
ބީއެމްއެލްގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ މި ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ "ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު" ގެ ދަށުންނެވެ.
ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ ދަށުން ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ. ސީއެމްއީސީން ހުޅުމާލޭގައި އިމާރާތް ކުރާނީ 1،224 އެފޯޑަބަލް ހައުސިން ޔުނިޓެވެ.
ސީއެމްއީސީއަކީ ރާއްޖޭގައި އިމާރާތް ކުރުމުގެ ފާހަގަކޮށްލެވޭ އަދި ހުޅުމާލޭގެ ވިނަރެސް ހައުސިން ޕްރޮޖެކްޓް ނިންމި ކުންފުންޏެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ހިންގި ކުންފުންޏެކެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިމެނެ އެވެ.
"މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގަ އެވެ،" ބީއެމްއެލުން ބުންޏެވެ. އެ ބޭންކުން ބުނީ، ބީޔޫސީޖީ އާއި ސީއެމްއީސީއަކީ ވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖު ކުރުމުގެ ތަޖުރިބާ ހުރި އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ބައެއް ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އިމާރާތްކުރާ ފްލެޓުތަކުގެ ބިން ބީއެމްއެލް އަށް ދޫކޮށްފައި ވަނީ ހިލެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެއީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރާ އެއްކޮށް، އަތުގުޅާލައި ބޮޑު މަޝްރޫއެއް ފެށުމަށް ބޭންކުން ނިންމީ، މިއީ މީގެ ކުރީގެ މެނޭޖްމަންޓުތަކުން ހަގީގަތުގައި ސަރުކާރަށް ދީފައި ނުވާވަރުގެ އެއްބާރުލުމެއް،" އަގުހެޔޮކޮށް ވިއްކަން ފްލެޓުތައް އިމާރާތްކުރާ ބިންތައް ބީއެމްއެލްއާ ހަވާލުކުރަން މިދިޔަ ނޮވެމްބަރު 13 ވަނަ ދުވަހު ބޭއްވި ރަސްމިއްުޔާތުގައި އޭނާ ވިދާޅުވެފައި ވެ އެވެ.