ނަފްސާނީ ބައްޔަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް އާސަންދައިން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތައް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިއްމު ވައުދުތަކެއް ފުއްދެވުމަށް އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާގެ މުހިއްމު ފަސް ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހު ކޮށްފަ އެވެ.
އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އެ ޕްރޮގްރާމް ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައިި ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އެއީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެންސްޕާއިން ފާހަގަކުރެ އެވެ.
ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.