ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ތެރެއިން ހަރަދުކޮށްގެން އިމާރާތްކުރާ ގޮތަށް ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި ވެސް އިމާރާތް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާސަންދަ ހަމަޖައްސައިދިން ފަހުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އެޅުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވާއިރު، އެކަން ކުރަން ނިންމާފައި އޮތީ ބޭރުގެ ލޯނު އެހީއެއް ހޯދައިގެން ކަމަށެވެ. ނަމަވެސް، އެ އެހީ ހަމަޖައްސަން ގިނަ ދުވަސް ހޭދަވާތީ، ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައިގެން އެ މަސައްކަތް އަވަސްކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި 14،000 އަކަފޫޓުގެ ބިމެއްގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ.
ތަފުސީލަށް ވަޑައިނުގެން ރައީސް ވިދާޅުވީ ނަފުސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި އަޅަން ހަމަ އެވަރުގެ ބިމެއް މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ނަމަވެސް، ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫއަށް ހަރަދު ވާނީ އެއަށް ވުރެ ކުޑަ އަދަދެކެވެ.
"މި މައްސަލަ [ނަފުސާނީ ބަލި] އިތުރަށް ވަރަށް ބޮޑަށް ރާއްޖޭގައި، އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައި ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށް ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ، ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ލޯނު އެހީ ލިބުމުން ސިއްހީ ދާއިރާގެ އެހެން ކަމަކަށް ވިޔަސް ހަރަދު ކުރާނެ ކަމަށެވެ. ނަމަވެސް، އެއަށް ހަދާނެ ސީދާ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޮރިޖިނަލީ ލޯނު އެހީގައި އަޅަން ނިންމާފައި އޮތް ހޮސްޕިޓަލް އަޅަން އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓު ހަމަ އެތަނުގައި ކުރިއަށް ގެންދިއުން އެގޮތުގައި ބާއްވާފައި އެ ކެންސަލް ނުކޮށް، މި ދެންނެވިހެން އެއަށް ފަހުން ގޮތެއް ނިންމާނީ، މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރު،" ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި އަޅަން ނިންމީ މި މައްސަލައިގެ ސީރިއަސްކަން ބޮޑުވެފައި ވުމާއި ގިނަ ބަޔަކު ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ އުޅުނީ ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރާށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާށެވެ.
މި ސަރުކާރުން ވަނީ ހުޅުމާލޭގައި ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރަން މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފަ އެވެ. ހެލްތް މިނިސްޓްރީން އޭރު ބުނި ގޮތުގައި، އެ ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖައްސަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިންނެވެ.