މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ކޮމެޓީގެ އިންތިހާބަށް ބޭނުންވާ 7،000 އޮފިޝަލުން ތަމްރީނު ކުރަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރިލް 4 ވަނަ ދުވަހު އެވެ.
އީސީން މިއަދު ބުނީ ދެ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ތަމްރީނު ކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިން އޮފް ޓްރެއިނާސް" (ޓީއޯޓީ) ޕްރޮގުރާމު މިއަދު ފަށާފައިވާ ކަމަށެވެ.
މާލެ ސީއެޗްއެސްސީގައި ކުރިއަށްދާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައި ވާއިރު އެއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ދިނުމުގައި އިސްކޮށް އުޅޭނެ އޮފިޝަލުން ކަމަށް ވެސް އީސީން ބުންޏެވެ.
މި ޓްރެއިނިންގް ޕްރޮގްރާމުގައި:
- ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދީ، އެފަރާތްތައް މަސައްކަތަށް ތައްޔާރުކުރުން
- ޕްރޮގްރާމުގައި އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދިނުން
އަތޮޅުތެރޭގައި ވޮޓު ފޮށިތައް ކައިރީ މަސައްކަތް ކުރާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި މާލޭ ސަރަހައްދުގައި މަސައްކަތް ކުރާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އެ ޓްރެއިނިންތައް ނިމުމާއެކު، އޮފިޝަލުން އިންތިހާބުގެ އަމަލީ މަސައްކަތްތަކާ ހަވާލުވާނެ ކަމަށް ވެސް އީސީން ބުންޏެވެ.