އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހިދުމަތް ލިބިގަންނަ ޓޫރިސްޓުމީހާގެ ހިނިތުންވުމެވެ. ރިސޯޓުގެ ރެސްޓޯރަންޓުން ނުކުމެގެން ޓޫރިސްޓުން ދާން ޖެހޭނީ އުފާވެރި މޫނަކާއިގެންނެވެ. އެއީ ޖޯލި މޯލްޑިވްސްގެ ސިގްނޭޗާ ރެސްޓޯރެންޓްގެ މެނޭޖަރުގެ "މޮޓޯ" އެވެ.
އައްޑޫ ހިތަދު އަށް އުފަން އަހުމަދު އާރިޝް (ބަކާ) 34، ރިސޯޓުގައި މަސައްކަތް ކުރަން ފެށީއްސުރެ އޭނާގެ އެންމެ މުހިއްމު ޒިންމާއަކީ، ކޮންމެ ޓޫރިސްޓަކަށް ވެސް ރަނގަޅު، އުފާވާނެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. އެ ޓޫރިސްޓަކީ، ރިސޯޓުގެ ކޮންމެވެސް ކަމަކާ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އޮތް މީހެއް ނަމަ، ރެސްޓޯރެންޓުގައި ހޭދަކުރާ ވަގުތުކޮޅުން، އެކަން ހަމަޖައްސާލެވޭ ވަރުގެ ހިދުމަތް ދިނުމަށް އާރިޝް އަބަދުވެސް މަސައްކަތް ކުރެ އެވެ. އެކަން ކާބިޔާބު ވެސް ކުރެ އެވެ.
ސްކޫލު ނިންމުމަށް ފަހު، އޭނާ ޓޫރިޒަމްގެ ދާއިރާ އަށް ވަނީ 2009 ވަނަ އަހަރު އެވެ. ހޮޓެލް ސްކޫލުގައި ގާތްގަނޑަކަށް ދެ އަހަރުގެ ތަމްރީނު ހޯދުމަށް ޓޫރިޒަމް ދާއިރާ އަށް ވަނީ ވެއިޓަރެެއްގެ ވަަޒީފާއަށެވެ. ތަމްރީނުގެ މުއްދަތުގައި އޭނާ ވަނީ ކަނުހުރާ ރިސޯޓުގައި ތިން މަސް ހޭދަކޮށްފަ އެވެ.
ދާއިރާ އަށް އެހާ ބޮޑު ޝައުގެއް އުފެދުނީ، އޭރުގެ ގިނަ ރައްޓެހިންނަކީ ވެސް ޓޫރިޒަމް ދާއިރާގައި އުޅޭ އެ ދާއިރާއަށް ފަރިތަ މީހުން ކަމަށް ވުމުންނެވެ. އާރިޝްގެ ބައްޕައަކީ ވެސް ކުޑައިރުއްސުރެ ފެށިގެން ވެސް އެފް އެންޑް ބީ ދާއިރާގެ ވަަޒީފާތަކުގައި އުޅުނު މީހެކެވެ.
އާރިޝް 2013 ވަނަ އަހަރާ ހަމައަށް ޓޫރިޒަމް ދާއިރާގައި އުޅުނީ ވެއިޓަރެއްގެ ގޮތުގަ އެވެ. އެއީ އެ ދާއިރާގައި އޭނާ އިސް މެނޭޖުމެންޓަށް ވަންނަން އެޅި ބިންގަލެވެ. އޭރު އޭނާ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ކަމަށްވާ ވަން އެންޑް އޮންލީ ރީތި ރަށުން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ އަމަލީ ތަޖުރިބާތައް ހޯދައިފަ އެވެ.
އޭގެ ފަހުން، ފޯ ސީޒަންގައި ރެސްޓޯރެންޓެއްގެ ކެޕްޓަންގެ ވަޒީފާ އަދާކުރި އެވެ. ސުފައިވަރިޒަރުގެ މަގާމުން ފެށިގެން އައިސް މިހާރު އޭނާ އަކީ ޖޯލީގެ ރެސްޓޯރެންޓް މެނޭޖަރެވެ.
ޖޯލި މޯލްޑިވްސް ރިސޯޓާ އާރިޝް އެންމެ ފުރަތަމަ ގުޅުނީ ވެސް ރެސްޓޯރެންޓް ސުޕަވައިޒަރަކަށެވެ. އަދި ދެ އަހަރު ދުވަހުން އޭނާ ވަނީ އެ ތަނުގެ އެސިސްޓެންޓް މެނޭޖަރުކަން ހޯދައިފަ އެވެ. އެހާ ކުޑަދުވަސްކޮޅަކުން އެ ކާމިޔާބީ ހާސިލު ކުރެވުނީ އާރިޝް އެ ދާއިރާއަށް ހުރި ޝައުގުވެރިކަމުގެ ސަބަބުންނެވެ.
ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ އެންމެ މަތީ ފަންތީގެ އެ ރިސޯޓުގެ އޭނާގެ ޒިންމާ ވެސް ބޮޑެވެ. އެކަމަކު ކޮންމެ ދުވަހަކު މަސައްކަތަށް ނުކުންނަކީ، ޓޫރިސްޓުން އުފާކޮށް، އެ މީހުންގެ ޗުއްޓީ އަށް ރަނގަޅު ތަޖުރިބާއެއް އެ ރެސްޓޯރެންޓުން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.
ޖޯލި މޯލްޑިވްސްގެ ސިގްނޭޗާ ރެސްޓޯރެންޓް އަދި އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެވޯޑު ވެސް ހާސިލް ކޮށްފައިވާ "ސައޯކީ" ރެސްޓޯރެންޓް ހާއްސަވަނީ ޖަޕަނީސް ކުޒީން އަށެވެ.
އާރިޝް ބުނި ގޮތުގައި، އޭނާގެ ޒިންމާއަކީ، ހިދުމަތް ދިނުމުގައި ޓޫރިސްޓުންނަށް ކުރިމަތިވާ ކުދި ކުދި ގްލިޗުތައް ރެސްޓޯރެންޓްގައި ދޭ ހިދުމަތުން ހައްލު ކޮށްދިނުމެވެ. އެހެންވެ، އެ ރެސްޓޯރެންޓަށް ވަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް، އެ ތަނަށް ވަނުމަށް ފަހު އެއީ އެންމެ ހާއްސަ ޓޫރިސްޓުގެ ގޮތުގައި ހިދުމަތް ދޭން ބޭނުންވެ އެވެ.
"ކޮންމެ ކަހަލަ މައްސަލައެއް ޖެހުނަސް، މިތަނުން[ރިސޯޓުން] އިންނާނެ ގްލިޗް ފެންނަން. އެހެންވެ ގެސްޓް މީހާ އަންނައިރު އެނގޭނެ އޭނާ އަށް ދިމާވާ މައްސަލަ. އެހެންވީމާ އަޅުގަނޑުމެންނަށް އެނގޭނެ އިތުރަށް ހިދުމަތް ސްޕެޝަލް ކޮށްދޭން، ހިތްހަމަޖައްސައިދޭން،" އޭނާ ކިޔައިދިނެވެ.
އެ މަސައްކަތުގައި އާރިޝްގެ ޒިންމާވެސް ބޮޑެވެ. އެކަން ކުރަނީ އޭނާއާ އެކު މަސައްކަތް ކުރާ 22 މުވައްޒަފުންގެ އެހީތެރިކަމާ އެކު އެވެ. އޭގެ ތެރޭގައި ބާޓެންޑަރުންނާއި ވެރިޓަރުންނާއި ސުޕަވައިޒަރުންނާއި ކެޕްޓަނުން ވެސް ހިމެނެ އެވެ.
މިދިޔަ 15 އަހަރުގެ ތެރޭގައި، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރިއިރު ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ދާއިރާގައި ބަދަލުވީ ރިސޯޓުތައް. ވަރަށް ކުރިއަރައިގެން ގޮސްފި ރިސޯޓުތައް. ވަރަށް ގިނަ ރިސޯޓުތައް ޗެލެންޖުތަކާ ފޭސްކޮށްފައި، އެއް ރިސޯޓު އަނެއް ރިސޯޓަށް ކޮންމެވެސް ކަހަލަ ތަފާތެއް ގެނެސްފައި، ވަރަށް ޓެކްނޮލޮޖީއާ ވަރަށް ގިނަ ކަންކަމުގައި ބަދަލުވެފައި އޮންނަނީ،" އާރިޝް ބުންޏެވެ.
މިއީ ދާއިރާއިން އޭނާއަށް ފެނުނު އެންމެ ބޮޑު ތަފާތެވެ. ރާއްޖޭގައި 200 އާ ގާތްކުރާ އަދަދަކަށް ރިސޯޓު އޮތް އިރު ކޮންމެ ރިސޯޓަކުން ވެސް ތަފާތު ދެއްކުމަށް އެ ކުރާ މަސައްކަތް އޭނާ ފާހަގަކުރެ އެވެ.
އެ ތަފާތުތައް ފެންނަން ވެސް ހުރެ އެވެ. ރިސޯޓުތަކުގައި ވާދަވެރިކަން އިތުރުވުމުން، މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތްތައް ބަދަލުވެ، މުވައްޒަފުންނަށް ވެސް ހާއްސަ ކަންކަން ރިސޯޓުތަކުން މިހާރު ފަހިވެފައި އޮތުމަކީ އޭނާ އަށް ދާއިރާގައި ހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
އާރިޝް ޓޫރިޒަމް ދާއިރާއަށް ގުޅުނު އިރު އޭރު އޭނާގެ މަހުގެ މުސާރައަކީ 500ރ. އެވެ. އެކަމަކު މިހާރު އެއީ ރިސޯޓުގައި އެންމެ ބޮޑު އެއް ޒިންމާއެއް އުފުލާ އެންމެ ބޮޑު އެއް މުސާރަ ވެސް ލިބޭ މުވައްޒަފެވެ.
އާރިޝް ބުނީ، އެހެން ދާއިރާތަކާއި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ތަފާތަކީ، ކޮންމެ ލެވެލެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް، ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ އެންމެ އަސާސީ ކަންކަން ދަސްވާން ޖެހުން ކަމަށެވެ. އެކަން އެންމެ ފަސޭހައިން ދަސްވާނީ، އެންމެ އާދައިގެ ވަޒީފާ އިން ފެށުމުން ކަމަށް އޭނާ ބުންޏެވެ.
އެކި މީހުންގެ ހުންނާނީ އެކި ޓެލެންޓު. އެކަމަކު މިއީ ވަރަށް ހިތްވަރު ކޮށްގެން ކުރެވޭނެ މަސައްކަތެއް. އަޅުގަނޑަށް ހީވަނީ، ކުރިން ވެސް މިކަމަށް ޝައުގުވެރިވީމަހެން އަޅުގަނޑަށް މިކަން ކުރެވެނީ
އާރިޝް އަށް އެ ދާއިރާގައި މިހާރު ހުރި ހިސާބަށް އާދެވުނީ ވެސް އެންމެ އާދައިގެން މަސައްކަތުން ފަށައިގަނެގެންނެވެ. އެހެންވެ، ޓޫރިސްޓުންނަށް ދިމާވާ، ކުދިކުދި ކަންކަން ވެސް ހައްލުކުރުމަށް ވަރަށް ފަސޭހަވެ އެވެ. އެ މީހުން ބޭނުންވާ ކަންކަން ދެނެގަންނަން އެނގެ އެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި އެ ދާއިރާގައި ދިވެހިން އުޅެން ބޭނުން ނަމަ އެ ފުރުސަތުތައް އެބައޮތެވެ. ބޭނުންވަނީ އެ ދާއިރާގައި އެކަށީގެންވާ ވަގުތު ހޭދަކުރުމެވެ. ތަޖުރިބާ ލިބޭ ވަރަކުން، ދާއިރާގައި އެ މުވައްޒަފުން ބަލައިގަންނަ ވަރު އިތުރުވެ، ކުރިއެރުންތައް ވެސް ފަސޭހައިން ލިބެ އެވެ.
"ދިވެހިންނަށް އޮޕޮޗުނިޓީ ވެސް ލިބޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިންގެ ތެރެއިން މަދު ބަޔަކު ބޭނުންވަނީ، ކިޔަވައިގެން އައިސް ވަރަށް ގިނަ ދުވަހުންވާ ކަމެއް ވީމަ އެ މީހުން ބޭނުމެއް ނުވޭ އުޅޭކަށް. ބޮޑަށް ގިވްއަޕް ކޮށްލަނީ ކަންނޭގޭ ވަކި ހިސާބަކަށް ދިޔައީމާ،" އޭނާ ބުންޏެވެ.
"އެކި މީހުންގެ ހުންނާނީ އެކި ޓެލެންޓު. އެކަމަކު މިއީ ވަރަށް ހިތްވަރު ކޮށްގެން ކުރެވޭނެ މަސައްކަތެއް. އަޅުގަނޑަށް ހީވަނީ، ކުރިން ވެސް މިކަމަށް ޝައުގުވެރިވީމަހެން އަޅުގަނޑަށް މިކަން ކުރެވެނީ."
މިކަމަށް ހުރި ޝައުގާ އެކު، ދާއިރާއިން ލިބޭ ކުރިއެރުންތަކާ އެކު ވެސް އާރިޝް އަށް އެންމެ އުނދަގޫވަނީ އާއިލާއާ ދުރުގައި މަސައްކަތް ކުރަން ޖެހުމެވެ. ދަރިފުޅާއި އަންހެނުންނާ ދުރުގައި އުޅުނަސް، އެ ދާއިރާއިން ލިބޭ އާމްދަނީ އާއި ލިބޭ ހިތްހަމަޖެހުމުން އެކަން ހަމަޖައްސާލެވޭ ކަމަށް އޭނާ ބުންޏެވެ.
ޓޫރިޒަމް ދާއިރާގައި ހޭދަކުރި ދިގު މުއްދަތުގައި އާރިޝް ވަނީ އިޓަލީ އަށް ގޮސް ޔޫރަޕުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ ވައްޓަފާޅި ވެސް ދަސްކޮށްފަ އެވެ. އިޓަލީ އަށް 2013 ވަނަ އަހަރު ގޮސް ކުރި ތަޖުރިބާގެ އަލީގައި ހިދުމަތް ފޯރުކޮށްދޭން އޭނާއަށް އިތުރު އުކުޅުތައް ދަސްވި އެވެ.
އާރިޝް ގަބޫލުކުރާ ގޮތުގައި އާއިލާއާ ދުރުގައި ހުރެގެން ކުރަން ޖެހުނަސް، މިއީ ރާއްޖޭގައި ކުރަން އެންމެ ރަނގަޅު މަސައްކަތެވެ. އެހެންވެ، ޒުވާނުން އިތުރަށް ދާއިރާއަށް ވަދެ، އެ ދާއިރާގައި ކޮލިޓީ ހިދުމަތްތަކެއް ދިނުމުގައި މިހާރަށް ވުރެ ގިނަ ދިވެހިން ފެންނަތައް ބަލަން އޭނާ ބޭނުންވެ އެވެ.
އާރިޝް ވެފައި ވަނީ ޖޯލި މޯލްޑިވްސްގެ އެންމެ މުހިންމު އެއް މުވައްޒަފަށެވެ. އެއީ ޓޫރިޒަމް ދާއިރާ އަށް ހުންނަ ޝައުގުވެރިކަމާއި ޓޫރިސްޓުންގެ ހިތްހަމަޖެހުމާއި ހިނިތުންވުމަށް ދޭ އިސްކަމުގެ ބޮޑުކަމުން ލިބޭ ކުރިއެރުމެވެ.