މިހާރު އަމަލު ކުރަމުން އަންނަ ޓޫރިޒަމް ދާއިރާގެ މާސްޓަ ޕްލޭނާ އެއްގޮތަށް 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރު (92 ބިލިއަން ރުފިޔާ) އަށް އެރުވުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، މި އަހަރު ފެށުނުއިރު ޓޫރިޒަމް ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާކުރީ 5.5 ބިލިއަން ޑޮލަރު ކަމަށާއި އެހެން ނަމަވެސް މިހާރުގެ ބެލެވެނީ 5.6 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ކަމަށެވެ. އެއީ 16 ޕަސެންޓުގެ އިތުރުވުމެކެވެ.
"އެހެންވީމަ އަޅުގަނޑުމެން ފޯކާސްޓް ކުރި ވަރަށް ވުރެ އިތުރުވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ 4.8 ބިލިއަން ޑޮލަރަށް އަރަ އެވެ.
މިއަހަރުގެ ނިމޭއިރު އަންނާނެ ކަމަށް މިހާރު ލަފާކުރަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް އަހަރު ފެށުނުއިރު ލަފާކުރީ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު އެއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. ޓޫރިސްޓުން ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޗައިނާ އާއި ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
ޓޫރިޒަމް ހިދުމަތްތައް ދިނުމަށް 67،000 އެނދު ބޭނުން ކުރަމުން އަންނައިރު އޭގެ ތެރެއިން 65 ޕަސެންޓް ނިސްބަތް ވަނީ ރިސޯޓުތަކަށެވެ.