ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް އާއި ކެބިނެޓުގެ އެހެން ބޭފުޅުންނާ އެކު މަސައްކަތް ކުރަން ތައްޔާރަށްތިބި އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާ އިން ވެނެޒުއޭލާ އަށް ދިން ހަމަލާތަކަށް ފަހު، ގަދަކަމުން ގެންދިޔަ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ނިއު ޔޯކްގެ ޖަލެއްގައި ވަނީ ބަންދުކޮށްފަ އެވެ.
މަދޫރޯ ނެތް ހާލަތުގައި، ރައީސްކަމުގެ މަސްއޫލައްޔިތުތަކާ ޑެލްސީ ހަވާލުވުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރެއް ވަނީ ނެރެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ މަދޫރޯ އަށް ފަހު، ވެނެޒުއޭލާގެ ކަންކަމާ ހަވާލުވާނީ ޓްރަމްޕުގެ ކެބިނެޓުން ކަނޑައަޅާ ބައެއް ކަމަށާއި އެ ގައުމުގެ ކަންކަން ރައްކާތެރި ހާލަތަކަށް ބަދަލުވަންދެން ބަލަހައްޓާނީ އެމެރިކާ އިން ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެލުގެ އިންޑަސްޓްރީގެ ކަންކަން ވެސް އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބަލަހައްޓަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެމެރިކާގެ ފޮރިން މިނިސްޓަރު މާކޯ ރޫބިޔޯ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރާގު ބަދަލުކުރައްވައި، އެމެރިކާގެ ޑިމާންޑުތަކަށް ބޯލަނބާ ނަމަ، ޑެލްސީ އާއި ކެބިނެޓުގެ އެހެން ވަޒީރުންނާ އެކު މަސައްކަތް ކުރަން އެމެރިކާ އިން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ.
އަދި ވެނެޒުއޭލާ އަށް ވަދެ، ހަމަލާދިނީ އެ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓައިލަން ނޫން ކަމަށާއި އެމެރިކާގެ ބޭނުމަކީ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުން ކަމަށް ވެސް ދިފާއުގައި އޭނާ ވިދާޅުވި އެވެ.
ވައިޓް ހައުސް އިން ވަނީ މަދޫރޯގެ ކަނުބަނދެ ބިޑި އަޅުވާފައި ބަހައްޓައިގެން އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ އޮފީހަކަށް ހާޒިރުކުރަނިކޮށް، ނަގާފައިވާ މަންޒަރުތަކެއް އާންމުކޮށްފަ އެވެ.
މަސްތުވާތަކެއްޗާއި ހަތިޔާރުގެ ވަގު ވިޔަފާރީގެ ދައުވާ ދެކަނބަލުންގެ މައްޗަށް އުފުލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.