އެމެރިކާ އިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމެރިކާ އިން ކުރާ ދައުވާތަކަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ސާފުކޮށް އިންކާރު ކުރައްވައިފި އެވެ.
"އަޅުގަނޑަކީ ވެނެޒުއެލާގެ ރައީސް. ކަރާކަސްގައި އަޅުގަނޑު ގޭގައި ހުއްޓައި، ޖެނުއަރީ 3 ވީ ހޮނިހިރު ދުވަހު ވަނީ އަޅުގަނޑު ރަހީނު ކޮށްފައި،" އެމެރިކާގެ މެންހަޓަން ކޯޓުގައި މަދޫރޯ، 63 ވިދާޅުވި އެވެ.
މަދޫރޯ އެމެރިކާ އަށް ގެންގޮސް އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމް ހަމަލާތައް ދޭން ރޭވުން ފަދަ ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.
ވެނެޒުއޭލާ އަށް ދިން ހަމަލާތަކަށް ފަހު، ގަދަކަމުން އެމެރިކާ އަށް ގެންދިޔަ މަދޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ވެސް ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
މެންހަޓަން ކޯޓުން ވަނީ މަދޫރޯގެ ދެކަނބަލުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށް، އިތުރު އަޑުއެހުމެއް މި އަހަރުގެ މާޗު 17 އަށް ތާވަލުކޮށްފަ އެވެ.
ކަރާކަސްގައި އެތައް ބަޔަކު ވަނީ މަދޫރޯގެ ދިފާއުގައި މަގުތަކަށް ނުކުމެ، މަދޫރޯ މިނިވަން ކުރުމަށް އެމެރިކާ އަށް ގޮވާލައިފަ އެވެ.
މަދޫރޯގެ މަސްއޫލިއްޔަތުތަކާ ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް ވަނީ ރަސްމީކޮށް ހަވާލުވެވަޑައިގަނެ، ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ.
ރައީސްކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރޮޑްރީގޭޒް ވަނީ އެމެރިކާއާ އެކު، މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ މަދޫރޯ އަށް ފަހު، ވެނެޒުއޭލާގެ ކަންކަމާ ހަވާލުވާނީ ޓްރަމްޕުގެ ކެބިނެޓުން ކަނޑައަޅާ ބައެއް ކަމަށާއި އެ ގައުމުގެ ކަންކަން ރައްކާތެރި ހާލަތަކަށް ބަދަލުވަންދެން ބަލަހައްޓާނީ އެމެރިކާ އިން ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެލުގެ އިންޑަސްޓްރީގެ ކަންކަން ވެސް އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބަލަހައްޓަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެމެރިކާގެ ފޮރިން މިނިސްޓަރު މާކޯ ރޫބިޔޯ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރާގު ބަދަލުކުރައްވައި، އެމެރިކާގެ ޑިމާންޑުތަކަށް ބޯލަނބާ ނަމަ، ޑެލްސީ އާއި ކެބިނެޓުގެ އެހެން ވަޒީރުންނާ އެކު މަސައްކަތް ކުރަން އެމެރިކާ އިން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން، ޓްރަމްޕް އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ކައިރި މުސްތަގުބަލެއްގައި ވެނެޒުއޭލާގައި އިންތިހާބެއް ބޭއްވުމުގެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ރައްޔިތުން ނުކުމެ، އިންސާފުވެރިކަމާ އެކު ވެރިއަކު ހޮވުމުގެ މާހައުލެއް ވެނެޒުއޭލާގައި އަދި ނެތެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ވެނެޒުއޭލާގެ ތެލުގެ ވިޔަފާރިއާ ހަވާލުވުމުގެ މަޝްވަރާތައް ކުރުމަށް، އެމެރިކާގެ ތެޔޮ ކުންފުނިތަކާ ޓްރަމްޕްގެ ސަރުކާރުން ބައްދަލުވުންތަކެއް ތާވަލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމެރިކާ އިން ވެނެޒުއޭލާ އަށް އަރައި، ހަމަލާ ދިނުން އދ. އާ އެކު ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.