މި އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި އެންމެންގެ މައްސަލަ އަހަރު ނިމުމުގެ ކުރިން ނިންމޭނެ ކަމަށް ވަރަށް ބޮޑަށް އަންދާޒާ ކުރެވޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ. 

ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާއްމުކުރި ކަރުދާހުގައިވާ ގޮތުން މިދިޔަ އަހަރު ފެށުނުއިރު، ޝަރީއަތް ނިމެންދެން ބަންދުގައި 272 މީހުން ތިބިއިރު، އަހަރު ނިމުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 128 މީހުންނެވެ. 

ކޯޓުން ބުނި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލަތައް މި އަހަރު ތެރޭ ނިމުމަކީ އުއްމީދީ އަންދާޒާއެކެވެ. 

"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ދިގުލައި ނުނިމި އޮތް އޮތުން 2026 ވަނަ އަހަރުގެ ތެރޭގައި ހައްލުވާނެ ކަމީ ނަންބަރުތަކުން ދައްކުވައިދޭ ހަގީގަތެކެވެ. 2026 ވަނަ އަހަރު ފެށުނުއިރު ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް 2026 ވަނަ އަހަރު ނިމޭއިރު ބަންދުގައި ނުހުންނާނެ ކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު ހާސިލުވާނެ ލަނޑުދަނޑިއެއް ކަމާ މެދު ޝައްކެއް ނެތެވެ." ކޯޓުން ބުންޏެވެ. 

ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރަކީ ޖާގައިގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ކްރިމިނަލް ކޯޓަށް ތަސައްލީއެއް ލިބުނު އަހަރެއް ކަމަށެވެ. 

މީގެ ދެ އަހަރު ކްރިމިނަލް ކޯޓުން ބޭނުން ކުރަމުންދިޔަ އިމާރާތުގެ ބޮޑު ބައެއް ބާވެ ހަލާކުވެ، އެ އިމާރާތް ބޭނުން ކުރުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެންގި އެވެ. އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތް ކުރާ މާލަންތައް ބަހައިގެން މަސައްކަތް ކުރަމުންދިޔައީ، އިސްގާޒީ ވިދާޅުވި ގޮތުގައި ނުހަނު އުނދަގުލުގަ އެވެ. 

އެ ހާލުގައި ދެ އަހަރާއި ބައި ހޭދަވިއިރު، އިސްގާޒީ ވިދާޅުވީ ކޯޓުގެ ބެކްލޮގް އިތުރުވެ މައްސަލަތައް ނިމުން ލަސްވެ، އާންމުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް ގިނަވި ކަމަށެވެ. އަދި އިމާރާތް ބޭނުން ކުރުން ހުއްޓާލަން އެންގުމުގެ ކުރިއަށް 2022 ވަނަ އަހަރު މައްސަލަތައް ނިމުނު އަދަދާއި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 55 ޕަސެންޓް ދަށްވި ކަން ގާޒީ ފާހަގަކުރެއްވި އެވެ. 

އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި ކޯޓުގެ ދުވެއްޔަށް ކުރިމަތިވި ލަސްކަން ހައްލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 27ގައި ޖަސްޓިްސް ބިލްޑިން އެނެކްސް ހުޅުވި، އެ އިމާރާތަށް ކްރިމިނަލް ކޯޓުގެ މަސައްކަތް ބަދަލުވުމުންނެވެ.

"ކްރިމިނަލް ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހައި އަވަސް މިނެއްގައި ކޯޓުގެ މަސައްކަތް ހިނގާ މަންޒަރާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ނިމުމުގެ މަންޒަރު ތަފާސްހިސާބުތަކުން ފެނެ އެވެ،" އިސްގާޒީ ވިދާޅުވި އެވެ. 

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އެކަން ފުއްދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ކޯޓަށް ޖާގަ އިތުރުކޮށްދީ، ޝަރީއަތް އަވަސްކޮށްގެންނެވެ. އެކަން ކުރުމުގެ ގޮތުން ކްރިމިނަލް ކޯޓަށް އާ އިމާރާތެއް އަވަހަށް ހަމަޖައްސަން ސަރުކާރުން މަސައްކަތްކޮށް، އާ އިމާރާތް މިދިޔަ އަހަރު ތެރޭ ވަނީ ހުޅުވައިފަ އެވެ.