ސާދަ ރަށެއްގައި ބިލިއަނަކަށް ވުރެ ރުފިޔާގެ ޕްރޮޖެކްޓު ހިންގަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ކޮންސްޓްރްކަޝަން މިނިސްޓްރީން ބުނީ 14 މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ސޮއިކުރައްވާފައިވާ ކަމަށެވެ.

މަޝްރޫއު ހިންގަން މި ފަހަރު ހަވާލުކުރި ރަށްތަކަކީ؛

- ހއ. މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްގީކުރުން

- ހއ. އިހަވަންދޫ އާޓިފިޝަލް ބީޗު ތަރައްގީކުރުން

- ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން

- ހއ. ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ނ. ހެނބަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ނ. ހޮޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ނ. މާފަރު ހިއްކި ބިމުގައި ގޮނޑުދޮށް ހިމާޔަތްކުރުން

- ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ރ. އުނގޫފާރު ބަނދަރު ތަރައްގީކުރުން

- ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން

- ދ. ބަނޑިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

- ގދ. ފަރެސްމާތޮޑާގެ ދެ ވަނަ ފިޔަވަހީގެ މަގުހެދުން

އެ މަޝްރޫއުތަކުގެ އަގު 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެކި ރަށްރަށުގެ މަސައްކަތްތައް ނިންމަން ދީފައިވަނީ އެކި މުއްދަތެވެ. 

އެމްޓީސީސީން ބުނީ، އެ ކުންފުންޏާ ހަވާލު ކޮށްފައިވާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި އެެ އަމާޒަށް ވާސިލްވާ ކަަމށް ބުންޏެވެ.