ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބުނު މީހުންނަށް އެތަންތަން ހަވާލުކުރަން ހުރިހާ ޓަވަރަކަށް ފެނާއި ކަރަންޓް ގުޅައި މިހާތަނަށް 1،262 ފްލެޓު ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިމަހުގެ 27 ގައި ފަށާ ދިރާސީ އަހަރުގެ ކުރިން އެ ފްލެޓުތައް ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ ފްލެޓުތައް ހަވާލުކުރުން ކުންފުނިން ވަނީ އަވަސްކޮށްފަ އެވެ. ފްލެޓާ ހަވާލުވާން ޖެހޭ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންނަނީ އަންގަމުންނެވެ. 

އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ ރޭގެ ނިޔަލަށް 1،262 ފްލެޓެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކުރުމަށް ކަމަށް ވިދާޅުވި އެވެ. 

ހަމްދާން ވިދާޅުވި ގޮތުގައި އެ މަޝްރޫއުގައި އިމާރާތްކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރަށް ވެސް މިހާރު ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. 

މި ފްލެޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ނިންމައި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން އެ ފްލެޓުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. 

މާލޭގެ އެކި އަވަށްތަކާ އެކު ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި، ފަހި ފްލެޓްތަކުގެ ތަޅުދަނޑި އަވަހަށް ހަވާލުކޮށް، ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭން ގިނަ ބަޔަކު ވަނީ އެދިފަ އެވެ. 

ސޯޝަލް ހައުސިންގެ އެހެން ސްކީމްތަކާ އަޅާބަލާއިރު އެތަނުގެ ކުއްޔާއި ޑިޕޮސިޓް ބޮޑު ކަމަށް އާއްމުންގެ ފަރާތުން ރައީސަށް ޝަކުވާ ހުށަހެޅި އެވެ. އެހެންވެ، އެމަނިކުފާނު ވަނީ މި ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓް ކުޑަކުރައްވައިފަ އެވެ.

ދެ ކޮޓަރީގެ ފްލެޓަށް ކުއްޔާއި މެއިންޓެނަންސްއާ އެކު މަހަކު ދައްކަންޖެހޭ މިންވަރު 8،000ރ. އިން 7000ރ. އަށް މިހާރު ވަނީ ކުޑަކޮށްފަ އެވެ. އަދި ޑިޕޮސިޓަށް ދައްކަންޖެހޭ 15،000ރ. ގެ ބަދަލުގައި 6،000ރ. ދައްކަންޖެހޭ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެ ބަދަލާ އެކު ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު ދައްކަން ޖެހެނީ 10،000ރ. އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

ކުރިން ތިން ކޮޓަރިއަށް ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް އޭރު ކަނޑައަޅާފައި އޮތީ 25،000ރ. އެވެ.

ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.