ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމާފައިވާ ކަން ހާމަކުރައްވައިފި އެވެ. 

އާތިފް އެމްޑީޕީގެ ޓިކެޓްގައި މޭޔަރު ކަމަށް އިންތިހާބުވެވަޑަައިގަތީ 2021 ގަ އެވެ.

އާތިފް ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ކަން ހާމަ ކުރައްވައި މިއަދު އާންމުކުރި ވީޑިއޯގައި ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކުރިމަތިލާން ޖެހެނީ ބޮޑު ސުވާލަކާ ކަމަށާއި އެއީ ރަށުގައި މިހާރު އޮތް ޒަމާނީ އިދާރީ ހިންގުން ނިމުމަކަށް ގެންނާނީތޯ ނުވަތަ ނޫންތޯ ކަމަށެވެ. އަދި މަރުކަޒީ ވިސްނުމުގެ ބަޔަކު ކައުންސިލްގެ ގޮނޑިތަކަށް ހޮވާނީތޯ އެއީ ވެސް ރައްޔިތުންގެ ކުރިމަތީގައި އޮތް ސުވާލެއް ކަމަށެވެ. 

"ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީ ހުއްޓާލާފައި އޮތް ހުއްޓާލުމަށް ތާއިދުކޮށް އެ މަގުން ވޯޓު ދޭނީތޯ؟، ރަށުގެ ރައްޔިތުންގެ އަތުގައި މިހާރު އޮތް ބާރު ސަރުކާރަށް ދޫކޮށްލާނީތޯ؟ ވަޒީފާ އާއި ފައިސާއާ ނުފޫޒު ކުރިމަތީގައި ކުޑަކަކޫ ޖަހާނީތޯ؟،" އާތިފް ކެމްޕެއިން ލޯންޗުކޮށް ނެރުނު ވީޑިއޯގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަގުން ކުރިއަށް ދެވޭކަށެއް ނެތެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް: ދެވަނަ ދައުރަކަށް ވާދަކުރައްވަން ވަނީ ނިންމަވާފައި
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް: ދެވަނަ ދައުރަކަށް ވާދަކުރައްވަން ވަނީ ނިންމަވާފައި

އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ އިދާރީ ހިންގުމުގެ ބާރު އޮންނަންވާނީ ރައްޔިތުންގެ އަތުގައި ކަމަށާއި އެ މިނިވަންކަން މުހިންމު ކަމަށެވެ. ރަށުގެ ތަރައްގީގެ ކަންކަން ރާވައި ހިންގާނީ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް ނަފާވާނެ މަގަށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި އޭނާ އަދިވެސް ރައްޔިތުންނާ އެކު ހުންނާނެ އެވެ. 

"އަޅުގަނޑާ އެކު ކުރިއަށް ހިންގަވާ. ކައުންސިލް ރަނގަޅަށް ހިނގޭނެ ވަރުގެ ގާބިލް ޓީމެއް އަޅުގަނޑާ އެކު ނުކުންނާނެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުގެ ނަން އިރާދަކުރެއްވިއްޔާ އޮންނާނެ،" އާތިފް ވިދާޅުވި އެވެ. 

އާތިފްގެ މޭސްތިރިކަމުގައި މިފަހުން ކުޅުދުއްފުށީގައި ސިޓީ ކައުންސިލުން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގައިފަ އެވެ. އެގޮތުން ޕާކްތަކާއި މައިޒާން އަދި ބީޗްތައް ތަރައްގީ ކުރުމާއި ޕަބްލިކް ލައިބްރަރީ ފަދަ ތަފާތު މަޝްރޫއުތައް ވެސް ކައުންސިލުން ހިންގާފައިވެ އެވެ. 

ކުޅުދުއްފުށީގެ މަޝްހޫރު ހޮނިހިރު ބާޒާރު އޮންނަ ތަން، ގަސްތަކާ އެކު ތަރައްގީކުރުމާއި ރަށުގެ އިހުގެ ތާރީހެއް އޮތް ތަރިޖެހިގެ ހިމާޔަތް ކުރަން ކައުންސިލުން ނިންމި ނިންމުމަށް ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބިގެންދިޔަ އެވެ. 

މޭޔަރު ކަމަށް އާތިފް ވާދަކުރައްވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މިހާތަނަށް ކުޅުދުއްފުށީގެ މޭޔަރު ކަމަށް ކެންޑިޑޭޓެއް ރަސްމީކޮށް ނެރެފައެއް ނުވެ އެވެ. ނަމަވެސް، އެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީއެއް ނުބާއްވަ އެވެ.