ފަސްޓް ލޭޑީ ބައްސަވަނީ ހަދިޔާ ކުރި ކަދުރު، އެކަމާ ފަހުރުވެރިވޭ: ސައުދީ

ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ޖަމިއްޔާއަކުން އާއްމުންނަށް ބަހަނީ ސައުދީ އަރައްބިޔާ އިން ދިވެހިންނަށް ހަދިޔާ ކުރި ކަދުރު ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މިއަދު ބުނެފި އެވެ.


ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ފަސްޓް ލޭޑީ ފާތުންގެ ސޮދަގާތް ފައުންޑޭޝަނުން އަންނަނީ ބަހަމުންނެވެ. އެ ފައުންޑޭޝަނަށް 10 ޓަނު ކަދުރު ނަގައި އެ ޖަމިއްޔާގެ ނަމުގައި ބަހާ މައްސަލާގައި ސޯޝަލް މީޑިއާގައި ވެސް ވަނީ އެކަމަނާ އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ބައެއް މީހުން އެކަން ސިފަކުރަނީ، ނުފޫޒުން ހިންގި "ކޮރަޕްޝަންގެ" އަމަލެއްގެ ގޮތުގަ އެވެ.

"މުޖުތަމައުގައި ތިބި ފަގީރުންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އަދި އެހީތެރިކަމަށް ބޭނުން ވެފައިވާ މީހުންނަށް ފަސްޓް ލޭޑީ އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވަނީ އެއްވެސް އަމިއްލަ އެދުމެއް ނެތި އެވެ." - އެމްބަސީ

އެ ގޮތަށް ފާޑުކިޔާތީ އެކަމާ ހިތާމަ ފާޅުކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ ފަސްޓް ލޭޑީ ބައްސަވަނީ ސައުދީން "ދިވެހިންނަށް" ހަދިޔާ ކުރި ކަދުރު ކަމަށް އެއްބަސްވެފަ އެވެ. މި ހަދިޔާއަކީ، އެ ތަނުން ބުނި ގޮތުގައި، ރާއްޖެ އާއި ސައުދީއަކީ ދެ މުސްލިމް ގައުމަށް ވެފައި ދެ ގައުމުގެ ވެރިންގެ ދެމެދު އޮތް ބަދަހި ގުޅުމުގެ ރަމްޒެކެވެ.

އެމްބަސީން ވަނީ ފަސްޓް ލޭޑީގެ ފަރާތްޕުޅުން އެ ކަދުރު ބަހާތީ އެ ކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެކަން ނޭދެވޭ ގޮތަކަށް ނުނެގުމަށް ހުރިހާ ފަރާތްތަކަށް ގޮވާލި އެވެ.

"މުޖުތަމައުގައި ތިބި ފަގީރުންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އަދި އެހީތެރިކަމަށް ބޭނުން ވެފައިވާ މީހުންނަށް ފަސްޓް ލޭޑީ އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވަނީ އެއްވެސް އަމިއްލަ އެދުމެއް ނެތި އެވެ،" ބަޔާނުގައިވެ އެވެ.

ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް: އާއްމުންނަށް އެހީވުމަށް އެ ކަމަނާ ހާއްސަ ޖަމިއްޔާއެއް ހިންގަވާ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ސަދަގާތް ފައުންޑޭޝަނަށް ކަދުރު ލިބުނު ގޮތާ މެދު މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ ފަސްޓް ލޭޑީ ކަދުރު ބެއްސެވިއަސް އަދި އިޖުތިމާއީ އެހެން ހިދުމަތެއް ކުރެއްވިޔަސް، އެ ކަމެއް ކުރައްވަނީ ދީލަތި ފަރާތްތަކުގެ އެހީއާ އެކުގައި ކަމަށެވެ.