ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސޮދަގާތު ފައުންޑޭޝަނުން ރޯދަ ހަދިޔާގެ ގޮތުގައި ކަދުރާއި ހަނޑޫ ބަހަން ފަށައިފި އެވެ.
އެ ފައުންޑޭޝަންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ކަދުރާއި ހަނޑޫ އެ ފައުންޑޭޝަނުން ބަހަމުން އަންނަނީ ހިލޭ ސާބަހަށް ކަމަށެވެ. މުޅި ރާއްޖެ އަށް އެ ހަދިޔާ ބަހަން ނިންމާފައިވާ ކަމަށާއި މިހާރު އެ ކަން ކުރިއަށް ދަނީ މާލޭގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ސޮދަގާތު ފައުންޑޭޝަނުން މާލޭގެ ގެތަކަށް ޒިޔާރަތްކޮށް ހަނޑޫ ބަހަމުން ދާއިރު މާލޭގެ އެކި ހިސާބުތަކަށް މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް ޓީމްތައް ޒިޔާރަތްކޮށް ގޭގެ އަށް ކަދުރާއި ހަނޑޫ ބަހަ އެވެ.
ކަދުރާއި ހަނޑޫ އެހީ ކޮން ބައެއްގެ އެހީއެއްތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެއީ އެ ފައުންޑޭޝަންގެ ހަރަދުގައި ހޯދާފައިވާ ތަކެތި ކަމަށެވެ.
ސޮދަގާތު ފައުންޑޭޝަނުން ކަދުރު ބަހާ އިރު މީގެ ކުރީ އަހަރުތަކުގައި އަރަބި ގައުމުތަކުން ހަދިޔާ ކުރާ ކަދުރު ސަރުކާރުން ރައްޔިތުންނަށް ބަހަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު އަދި ކަދުރު ނުލިބޭ ކަމަށެވެ.
ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް އަންނަނީ ތަފާތު ތަކެތި ބަހަމުންނެވެ. އެ ގޮތުން 2016 ވަނަ އަހަރު ސައޫދީ އަރަބިއްޔާ އިން ދިވެހި ރައްޔިތުންނަށް ބަހަން ދިން ކަދުރުތަކެއް ސޮދަގާތު ފައުންޑޭޝަން ނަމުގައި ބެހި މައްސަލައެއް ފެންމަތިވި އެވެ.