50 ޓަނުގެ ކަދުރު ރާއްޖެ އަށް ސައޫދީން ހަދިޔާކޮށްފި

މި އަހަރުގެ ރޯދަ މަހަށް ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދޭން ނިންމި ކަދުރު، އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.


ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި، 50 ޓަނުގެ ކަދުރާ ހަވާލުވެވަޑައިގަތީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަށް ޚާއްސަ ކޮށްގެން، ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރި ނަމަވެސް، މި އަހަރުގެ ރޯދަ މަހު އެ ކަމެއް ނުކުރެ އެވެ. އެހެންވެ، މި ފަހަރު ސަރުކާރުން ކަދުރެއް ނުބަހަ އެވެ.

މިކަމާ ގުޅޭ ގޮތުން، ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީން އޭރު ބުނީ ކަދުރު ނުބެހީ ސައޫދީން ކަދުރު އޭރު ހަދިޔާ ނުކުރާތީ ކަމަށާއި ކަދުރު ލިބުނުހާ އަވަހަކަށް ބަހާނެ ކަމަށެވެ. އެކަމަކު، ކަދުރު ލިބުން ލަސްވި ސަބަބެއް އެތަނަކުން ނުބުނެ އެވެ.

ސައޫދީން މިއަދު ހަދިޔާ ކުރި ކަދުރު އާއްމުންނަށް ބަހާނެ އުސޫލެއް އިސްލާމިކް މިނިސްޓްރީއަކުން އަދިއެއް ނުނިންމަ އެވެ.