އިންޑޮނީޝިއާ އެއާގެ މަތިންދާބޯޓެއް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. 

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނިއުސް އެޖެންސީން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ އޭޓީއާރު 42-500 މަރުކާގެ ބޯޓެއް ކަމަށެވެ. އެ ބޯޓާ ގުޅުން ކެނޑުނީ ދެކުނު ސުލަވެސީގެ މާރޮސް ސަރަހައްދުން މިއަދު ފަތިހު ކަމަށް މިނިސްޓްރީން ބުންޏެވެ. 

އިންޑޮނީޝިއާގެ ޔޮގްޔަކާޓާ ސިޓީން މަކަސާ ސިޓީ އަށް ދާން ދަތުރުކުރި އެ ބޯޓުގައި ތިބީ ޖުމްލަ 10 މީހުންނެވެ. އެއީ، ހަތް ފަޅުވެރިއަކާއި ތިން ފަސިންޖަރެކެވެ. 

އިންޑޮނީޝިއާގެ ނިއުސް އެޖެންސީން ބުނީ އެއީ 2000 ވަނަ އަހަރު އުފައްދާފައިވާ، ސީރިއަލް ނަންބަރު 611 ގެ ބޯޓެއް ކަމަށެވެ. 

އެ އެޖެންސީން ބުނި ގޮތުގައި، އެ ބޯޓާ ގުޅުން ކެނޑުމުގެ ކުރިން އިންޑޮނީޝިއާ ގަޑިން ރޭ ފަތިހު 4:23 ގައި، މަކަސާގެ ސުލްތާން ހަސަނުއްދީން އެއާޕޯޓަށް އެ ބޯޓު ޖައްސަން ތައްޔާރުވަމުން ދަނިކޮށް، އެ ބޯޓު އޮތީ އޮންނަން ޖެހޭ ރޫޓުން ބޭރުގައި ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލް އަށް ފާހަގަކުރެވުނެވެ.

އަސްލު ރޫޓަށް ދާން އޭޓީސީން އިރުޝާދު ދިންތާ މާ ގިނައިރުތަކެއް ނުވެ އެ ބޯޓާ ގުޅުން ކެނޑުނު ކަމަށް އެ އެޖެންސީން ބުންޏެވެ.

އިންޑޮނީޝިއާގެ ކަމާ ބެހޭ އިދާރާތަކުން އެ ބޯޓު ހޯދުމުގެ މަސައްކަތް މާރޮސްގެ ފަރުބަދަ ސަރަހައްދުގައި މިހާރު ކުރަމުން އަންނަ ކަމަށާއި އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗު އެންޑް ރެސްކިއު އެޖެންސީން އެ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، އެ ބޯޓާ ގުޅުން ކެނޑުނު ވަގުތު މޫސުން ގޯހެއް ނޫނެވެ. ނަމަވެސް، ދުރު ފެންނަ ހިސާބު 8 ކިލޯމީޓަރުގައި ހުރިއިރު، އުޑުމަތި އޮތީ ކޮންމެ ވެސް ވަރަކަށް ބަނަކޮށެވެ.

އެއާނޭވް އިންޑޮނީޝިއާ އާއި ފުލުހުން އަދި އެއާފޯސް ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.