އިންޑޮނީޝިއާ އެއާގެ ގެއްލުނު މަތިންދާބޯޓުގެ ބައިތަކުގެ އިތުރުން އެއިން ދަތުރުކުރި އެކެއްގެ ހަށިގަނޑު ފެނިއްޖެ އެވެ. 

އިންޑޮނީޝިއާގެ އެއާ ޓްރާންސްޕޯޓުގެ ޓާބޯޕްރޮޕް މަތިންދާބޯޓު އެއާ ޓްރެފިކް ކޮންޓްރޯލަށް ގެއްލުނީ އިއްޔެ މެންދުރު ފަހު ޔޮގިއަކާޓާ އިން ސުލަވޭސީގެ މަކަސާރް އަށް ދަތުރުކުރަނިކޮށެވެ. 

މަކަސާރް ސާޗް އެންޑް ރެސްކިއު އޭޖެންސީގެ ވެރިޔާ މުހައްމަދު އާރިފް އަންވަރު ވިދާޅުވީ، ބޯޓުގެ ފިއުޒާލާޖް އާއި ޓެއިލް ސެކްޝަން އަދި ކުޑަދޮރުތަކުގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

"އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން މި އަންނަނީ މީހުން ހޯދުމުގެ މަސައްކަތް. އުންމީދަކީ އަދިވެސް މީހުން ސަލާމަތުން ފެނުން،" ޕްރެސް ކޮންފަރެންސެއްގައި އާރިފް ވިދާޅުވި އެވެ. 

އޭނާ މި ޕްރެސްކޮންފަރެންސް ދެއްވި ފަހުން ވަނީ ވަނީ ބޯޓުގެ ބައިތައް ފެނުނު ހިސާބުގެ ފަރުބަދަމަތިން ފިރިހެނެއްގެ ހަށިގަނޑު ފެނިފަ އެވެ. 

"ފިރިހެނެއްގެ ހަށިގަނޑު ވަނީ ފެނިފައި ... އެއީ 200 މީޓަރު ފުންމިން ހުރި ވާދީއެއްގެ ތެރެއިން، ބޯޓުގެ ބައިތަކުގެ ކައިރިން،" އާރިފް ވިދާޅުވި އެވެ. 

އެހެން އޮފިޝަލަކު ވިދާޅުވީ ހަށިގަނޑު ފެނުނު ހިސާބުގެ މޫސުމާއި އެތަން އޮތް ގޮތުން ހަށިގަނޑު ނަގައިގެން ގެންދެވޭނީ މާދަމާ ކަމަށް ބެލެވޭ ކަމަށެވެ.  

އާރިފް ވިދާޅުވީ މަތިންދާބޯޓު ވެއްޓުނީ މަކަސާރު ސިޓީގެ ބޯޑަރު ކައިރީގައި އޮންނަ ބަންޓިމުރުންގް-ބުލުސަރަންގް ނޭޝަނަލް ޕާކުގައި ހުންނަ މައުންޓް ބުލުސަރަންގް އަށް ކަމަށެވެ.

ބޯޓުގެ ބައިތަކާއި މީހުން ހޯދުމުގެ މަސައްކަތުގައި ހާހެއްހާ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އާރިފް ވިދާޅުވި އެވެ. 

އެ ސަރަހައްދުގެ އަސްކަރިއްޔާގެ ވެރިޔާ ބަންގުން ނަވޮކޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރަހައްދު އޮތް ގޮތުންނާއި މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން، ރެސްކިއު މަސައްކަތަށް ދަތިވެފައިވާ ކަމަށެވެ. 

ވެއްޓުނު ބޯޓުގައި މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒްގެ ތިން މުވައްޒަފުންނާއި ހަތް ފަޅުވެރިން ތިއްބެވެ. 

މިނިސްޓަރު ސަކްތީ ވަހްޔޫ ޓްރެންގްގޮނޯ ވިދާޅުވީ އެ ޓީމުން ހަރަކާތްތެރިވަމުން ދިޔައީ އެ ސަރަހައްދުގައި ހުރި ވަސީލަތްތައް ވައިގެ މަގުން މޮނިޓާ ކުރުމަށް ކަމަށެވެ. 

އެތައް ހާސް ރަށެއްގެ މައްޗަށް އެކުލެވޭ އިންޑޮނީޝިއާގައި ރަށްތަކަށް ދަތުރުކުރުމުގައި ވައިގެ ދަތުރުފަތުރު ވަރަށް އާންމެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ދެކުނު ކަލިމަންޓަން ޕްރޮވިންސުން ހަ ފަސިންޖަރުންނާއި ދެ ފަޅުވެރިންނާ އެކު ދަތުރުކުރި ހެލިކޮޕްޓަރެއް ވެސް ވެއްޓި އޭގައި ތިބި އެންމެން މަރުވެފައިވެ އެވެ. އަދި އޭގެ ދެ ހަފްތާ ފަހުން ވެސް ހެލިކޮޕްޓަރެއް ވެއްޓި ހަތަރު މީހަކު މަރުވި އެވެ. -- އޭއެފްޕީ