ހުޅުމާލޭގައި އެންމެ ފުރަތަމަ އެޅި ފްލެޓުތަކުގެ ކައިރި އާއި ސަހަރާ މަގަކީ މިހާރު ކާޅުތަކުގެ ސަހަރެވެ. ހުޅުމާލޭގައި އެންމެ ބިޔަކޮށް ހެދިފައި ހުރި ބައެއް ގަސްތައް ވެސް ހުރީ އެ ސަރަހައްދުތަކުގައި ކަމަށް ވާތީ، އެ ގަސްތަކުގައި އެ ސޮރުމެން ހާލި ހަދައި އެ "ފްލެޓް"ތަކުގައި ވަޒަންވެރިވީ އެވެ.

އެ ސަރަހައްދުގެ މަގެއްގައި ޕާކުކުރާ ވެހިކަލެއްގައި ކާޅުގެ ނަޖިސް ނުޖެހި ނުދެ އެވެ. މަގުން ހިނގާ މީހުންގެ ބޮލަށް ވެސް ލަނީ އެވެ. ތަންތަނަށް ދާން ނަލަވެގެން ނުކުންނަ ވަގުތު ކާޅެއްގެ ނަޖިސްގަނޑެއް ބޮލަށް ނުވަތަ ހެދުމަށް އަމާޒުވެ ރުޅިގަދަވެގެން އުޅުނު އެތައް ބަޔަކާ ދިމާވެއްޖެ އެވެ. 

މިއީ މިހާރު ހުޅުމާލޭގައި އުޅޭ މީހުންގެ އާންމު ޝަކުވާއެކެވެ؛ ކާޅުގެ އުނދަގޫ މާ ބޮޑީ އެވެ. 

ހުޅުމާލެ މަތީގައި ކާޅުތަކެއް އުދުހެނީ: ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ މަތީގައި ކާޅުތަކެއް އުދުހެނީ: ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޮއްސޭ އިރާ އެކު އެ ސަރަހައްދުތަކުން އިވެނީ ނިދަން އަރާ ކާޅުތަކުގެ އަޑެވެ. ދަންވަރު ވެސް އެ އަޑެވެ. އިރުއަރަނީ ވެސް އެ އަޑާ އެކު އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކާޅުގެ އަޑަކީ މިހާރު ހުއްޓުމެއް ނެތި އިވޭ ރަނގަބީލެކެވެ. 

އިރު އަރާއިރު އެ ސަރަހައްދުތަކުގެ މަގުތައް އޮންނަނީ ކާޅުގެ ނަޖިހުން ފޮރުވިފަ އެވެ. މުޅި ހިސާބަށް އެ ނުބައި ވަސްގަނޑު ފެތުރިފަ އެވެ. 

ދުވާލު ހަތަރުދަމު، އެތަނުން ހުރަސްކުރާހާ މީހެއްގެ ގަޔަށް ލަނީ ނަޖިހެވެ. ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނަޖިސްކުރަނީ އެވެ. ވާލާއި ކޮތަރުގެ އުނދަގޫ ވެސް އެހާ ބޮޑެވެ. މަދިރީގެ ހޯބޯލެވުން ވެސް ނުހުއްޓެ އެވެ. 

ހުޅުމާލޭގެ ގަހެއްގެ އޮފިގަނޑެއްގައި ކާޅުތަކެއް އިށީނދެލައިގެން: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލޭގެ ގަހެއްގެ އޮފިގަނޑެއްގައި ކާޅުތަކެއް އިށީނދެލައިގެން: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުޅި ސަރަހައްދު ނަޖިސްވެ، އާންމުން ތިބީ ބައްޔެއް ފެތުރިދާނެ ކަމުގެ ބިރުގަ އެވެ. 

ތާރު އަޅާފައި އޮތް މަގުތައް، ކާޅާއި ކޮތަރާއި ވާލުގެ ނަޖިހުން ފުރެނީ އެވެ. އަޅި ކުލައިގެ ތާރުމަގު، ހުދު ކުލައިގެ ނަޖިހުން ފޮރުވެނީ އެވެ.  

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދެކޭ ގޮތުގައި، ކާޅުގެ އަޑަކީ ނުރައްކަލުގެ ރަނގަބީލެކެވެ. އެ ނަޖިހުން އާންމު ބައްޔެއް ފެތުރުމުގެ ކުރިން ރައްކާތެރިކަން ބޭނުންވެ އެވެ. 

ހުޅުމާލެ މަގެއްގައި ކާޅާއި ކޮތަރުގެ ނަޖިސް: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ މަގެއްގައި ކާޅާއި ކޮތަރުގެ ނަޖިސް: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމެރިކާގެ ސިއްހީ އިދާރާގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ކާޅު އަދި އެ ނޫން ވެސް ދޫނިސޫފާސޫފީގެ ނަޖިހަކީ އޭގެ ސަބަބުން އިންސާނުންނަށް ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު އޮންނަ އެއްޗެކެވެ. އޭގެ ތެރޭގައި؛

  • ހިސްޓޯޕްލަސްމޯސިސް: މިއީ ހިކިފައި ހުންނަ ކާޅުގެ ނަޖިސް ހިރަފުހާ އެކުވެގެން ނޭވާލާ ނިޒާމަށް ދިއުމުން ޖެހޭ ބައްޔެއް. މީގެ ސަބަބުން ނޭވާލާން އުނދަގޫވުމާއި ހުން އައުމާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެނޭ.
  • ކްރިޕްޓޯކޮކޯސިސް: މިއީ ދޫނީގެ ނަޖިހުގައި އުޅޭ ފަންގަސްއެއްގެ ސަބަބުން ޖެހޭ ބައްޔެއް. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ދަށް މީހުންނަށް، ހާއްސަކޮށް ފުއްޕާމޭގެ މައްސަލަ ހުންނަ މީހުންނަށް މާ ނުރައްކާތެރި ބައްޔެއް.
  • ސަލްމޮނެއްލާ: ކާޅުގެ ނަޖިހުން ތަޣައްޔަރުވެފައިވާ ތަނެއްގައި އަތްލުމަށް ފަހު ރަނގަޅަށް އަތް ނުދޮވެ ކެއިންބުއިމުގެ ކަންކަން ކުރުމުން ބަނޑުގެ މައްސަލަތައް ދިމާވުން.
  • ޕްސިޓަކޯސިސް: މިއީ ދޫނީގެ ނަޖިހާއި އެމީހުންގެ ފަތުން ބޭރުވާ ހިރަފުހުން ޖެހޭ ބެކްޓީރިއަލް އިންފެކްޝަނެއް. މީގެ ސަބަބުން ނިއުމޯނިއާ ފަދަ ސީރިއަސް މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮވޭ.

ރިޕޯޓްތަކުގައިވާ ގޮތުގައި، ކާޅު ނިދާ ނުވަތަ ގިނައިން ތިބޭ ސަރަހައްދުތަކުގައި "ބާޑް މައިޓްސް" ފަދަ ކުދި ސޫފިތައް އުޅެ އެވެ. އެއީ އިންސާނުންގެ ހަށިގަނޑުގައި ހަފައި، ހަމުގެ ބަލިތައް އަދި ހަންގަނޑު ހިރުވުން ކަހަލަ އުނދަގޫތައް މެދުވެރިކުރުވާ އެއްޗެކެވެ.

ހުޅުމާލެ މަގެއްގައި ދުވާރުމަތީގައި ކާޅާއި ކޮތަރުގެ ނަޖިސް: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލެ މަގެއްގައި ދުވާރުމަތީގައި ކާޅާއި ކޮތަރުގެ ނަޖިސް: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެހިކަލުގައި ހުންނަ ނަޖިސް ސާފުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި ނަޖިސް ހިކިފައި ހުރި ނަމަ، އެ ސާފުކުރާއިރު ބުރާ ކުނޑި ނޭވާލާ ނިޒާމަށް ނުދާނެހެން މާސްކު އެޅުމަކީ ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ނުވަތަ ފެން ފޮދެއް ޖަހައިގެން ތެންމާލައިގެން ސާފުކުރުން ރަނގަޅެވެ. 

ކާޅު ގިނަވަނީ ކީއްވެ؟

ކާޅު ގިނަވާ މައިގަނޑު ސަބަބުގެ ގޮތުގައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް މީހުން ގަބޫލުކުރަނީ، އެ ސަރަހައްދުތަކުގައި ހުންނަ ޓޭކްއަވޭ ޝޮޕްތަކުން މީހުން ކައިފައި މަގުމައްޗަށް އުކާ ކުންޏެވެ. ކާޅުތަކުގެ މައިގަނޑު ކާނާއަކީ އެއީ ކަމަށް ވަނީ ވެފަ އެވެ.

ކާޅަކީ ވަރަށް ތޫނުފިލި އަދި ކާނާ ހޯދުމަށް ހުޝިޔާރު ސޫފިތަކެކެވެ. ހުޅުމާލެ ފަދަ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކާޅު އެހާ ގިނައިން އެއްވާ މައިގަނޑު ސަބަބުތަކަކީ މަގުމަތީގައި ހުންނަ ޑަސްބިންތަކާއި ރަނގަޅަށް ބަންދުނުކޮށް ހުންނަ ކުނި ކޮތަޅުތަކެވެ.

ޓޭކްއަވޭ ޝޮޕްތަައް ކައިރީގައި ހުންނަ ޑަސްބިންތައް ވެސް އުކާލަނީ އެ ފުރިގެން ބަންޑުންވެ، އެތައް އިރެއްވާ ފަހުންނެވެ. 

"ކެފޭތަކުން މަގުމަތީ ބަހައްޓާފައި އެ ހުންނަ މޭޒުތަކުގައި މީހުން ކާ އެއްޗެހި ނަގައިގެން ތިއްބާ ވެސް ގޮސް ކާޅު އެބަ ޖައްސާ މޭޒު މައްޗަށް،" މީހަކު ބުންޏެވެ. 

"އެ އެެއްޗެހި އެ ތިބެނީ ކާއެއްޗެއްގެ ފާރައަށް. މީހަކަށް، ބޮލަކަށް، ބެލުމެއް ނެތް."

ހުޅުމާލޭގައި ހުރި ގަހެއްގައި ކާޅު ހާއްޔެއް ހަދައިފައި: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލޭގައި ހުރި ގަހެއްގައި ކާޅު ހާއްޔެއް ހަދައިފައި: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކާއެއްޗެހި ހޯދަން އެ އެއްޗެއްސަށް އެންމެ ފަސޭހައީ ގިނަ އަދަދަކަށް ޓޭކްއަވޭ ޝޮޕްތަކާއި ކެފޭތައް ހުންނަ އެ ސަރަހައްދުތަކުން ކަމަށް ވާތީ، އެ ސޮރުމެންގެ ސަހަރުގެ ގޮތުގައި އެ ދިމާތައް ކަނޑައެޅީ އެވެ. އެކަމަކު، ކާޅުގެ އާބާދީ ގިނަވެ، ހުޅުމާލޭގައި ކާޅުގެ އުނދަގޫ ނެތް ދިމާލެއް މިހާރު ނެތެވެ. ހިތްހަމަޖައްސާލަން ނުކުންނަ ބީޗު ވެސް ކާޅުން ފުރެނީ އެވެ. 

"އިރުއޮއްސޭ ގަޑީގައި މިތާ މަޑުކޮށްލާ. ވާލިދައިން މިސްކިތު ފުރާޅު ފުރާލަ ތިބޭނެ ކާޅާއި ކޮތަރުތައް،" އެހެން މީހަކު ބުންޏެވެ. 

ހުޅުމާލޭގެ އެކި ތަންތަނަށް ކުނި އަޅައި ހަޑިކުރާ މައްސަލާގައި ވެސް އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ. އާންމު ތަންތަނަށް ކުނި އެޅުން، މިހާރު އާންމު ކަމަކަށް ހަދައިފި އެވެ. ރޯދައަށް ގޭގެ ފަރުނީޗާރު އާކޮށްލާ ސީޒަން ފެށުމާ އެކު، ބާ ފަރުނީޗަރު ވެސް މަގުތަކުން ފެންނަން ފަށައިފި އެވެ. 

އާންމުންގެ ނާތަހުޒީބީ މި ކަހަލަ އަމަލުތަކުގެ ސަބަބުން ހުޅުމާލެ "ގޮނޑުވަނީ" އެވެ. ކާޅަށް "ރަސްކަން" ލިބެނީ އެވެ.

ހައްލަކީ ކޮބާ؟

ރާއްޖޭގައި ކާޅާއި ވައު ގިނަވަގެން އެ އެއްޗެހި މެރުމުގެ ޕްރޮގްރާމުތަކެއް މީގެ ކުރިން ބައެއް ރަށްރަށުގައި ހިންގައި، ވަރަށް ބޮޑަށް ކާޅު މަދުވި އެވެ. ނަމަވެސް، ކާޅަކީ ގަސް ހަލާކުކުރާ ފަނިފަކުސާގެ ގިނަ ބާވަތްތަކެއް ކައިހަދާ އެއްޗަކަށް ވާތީ، ކާޅު މަދުވުމުން ތިމާވެއްޓަށް ބައެއް ގެއްލުންތައް ވެސް ކުރިމަތިވެ އެވެ. ގަސްގަހާގެހި ހަލާކުވެ އެވެ. 

ހުޅުމާލޭގެ ގަހަކަށް ކާޅެއް ޖައްސަނީ: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލޭގެ ގަހަކަށް ކާޅެއް ޖައްސަނީ: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގަސްގާހާގެހީގެ ބާވަތްތަކާއި ފަނިފަކުސާ އަދި އެހެނިހެން ބައެއް ދިރޭތަކެއްޗަކީ ވެސް ކާޅުގެ ކާނާ އެވެ. ބައެއް ފަހަރު ދަނޑުވެރިންނަށް ދިމާވާ ފަނިފަކުސާގެ އުނދަގޫތަކުން ސަލާމަތްވުމަށް ކާޅަކީ މެދުވެރިއެކެވެ. ރުކުގައި އުފެދޭ ބައެއް ބާވަތްތަކުގެ މަޑިއަކީ ވެސް ކާޅުގެ ކާނާ އެވެ. އެހެންވެ، ހުރިހާ ކާޅެއް ހުސްކޮށްގެން ވެސް މި މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ. 

ކާޅަކީ ބައެއް ކަހަލަ އާލާތްތައް ބޭނުންކޮށްގެން ބިރުގަންނަވާލެވިދާނެ ވެސް އެއްޗެކެވެ. ބާ ސީޑީ އާއި މޫނުބަލާ ލޯގަނޑު ނުވަތަ ރިހިކުލައިގެ ފޮއިލް ކަހަލަ އަލި އެޅޭ އެއްޗެއް ބޭނުންކޮށްގެން ކާޅު ފެއްސިދާނެ އެވެ. އެކަމަކު، ކާޅަކީ ވަރަށް ވިސްނުން ތޫނު އެއްޗަކަށް ވާތީ، އެ ފައްސަން ބޭނުންކުރާ އާލާތެއް އަވަސްއަވަހަށް ބަދަލުކުރަން ޖެހެ އެވެ. 

ކާޅު އާންމުކޮށް އަރާ ތިބޭ ފާރުބުރިތަކާއި އެހެން ތަންތަނުގައި ކޮޅު ތޫނު ދަގަނޑުކޮޅުތަކެއް ނުވަތަ ބިއްލޫރި ހަރުކުރުމުން އެތަނުގައި އިށީނުމަށް އެއަށް އުނދަގޫވާނެ އެވެ. ގަސްގަހުގެ ގޮފިތައް މާ ބޮޑަށް ފެތުރިފައި ހުރި ނަމަ، އެ ގޮފިތައް ކޮށާލުމުން ކާޅު ހާލި ހެދުމަށް ވެސް ހުރަސް އެޅޭނެ އެވެ.

މަގުމައްޗަށް އެއްލާފައި އޮތް ކާއެއްޗެއް ކާޅެއް ކަނީ: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަގުމައްޗަށް އެއްލާފައި އޮތް ކާއެއްޗެއް ކާޅެއް ކަނީ: ހުޅުމާލޭގައި ކާޅުގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ ހަމައެކަނި އިދާރާތަކުން ކުރާ މަސައްކަތެއް ނޫނެވެ. އާންމުން ވެސް ކުނި މެނޭޖްކުރުމުގައި މިހާރަށް ވުރެ ޒިންމާދާރުވެ، ކާޅަށް ކާނާ ލިބޭނެ މަގުތައް ބަންދުކުރަން ޖެހެ އެވެ. ކަމާބެހޭ މާހިރުން ލަފާދޭ ގޮތުގައި، ކާޅުގެ އާބާދީ ކޮންޓްރޯލް ކުރެވޭނީ ކާނާ ލިބޭނެ ގޮތްތައް މަދުކޮށްގެންނެވެ. އަދި ކާޅަށް އުނދަގޫވާނެ ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށްގެންނެވެ.