މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 129،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ވެސް ޓޫރިސްޓުން އިތުރުވި މިންވަރެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ވަނީ 117،000 ޓޫރިސްޓުން އައިސްފަ އެވެ.
މި އަހަރު ޓޫރިސްޓުން އެންމެ ގިނައިން އައީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ ގާތްގަނޑަކަށް 20،000 ޓޫރިސްޓުން އައިސްފަ އެވެ. ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އެގައުމުން އައީ 15،000 އެއްހާ ޓޫރިސްޓުންނެވެ.
ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ވަނީ 11،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އޮތީ ލިސްޓުގެ ހަތަރުވަނައިގަ އެވެ. އެގައުމުން ވަނީ 8،000 ޓޫރިސްޓުން އައިސްފަ އެވެ.
ރާއްޖެއަށް އައި ޓޫރިސްޓުންގެ 99 ޕަސެންޓް އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭގެ އިތުރުން މާފަރާއި ގަން އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ވެސް ޓޫރިސްޓުން ރާއްޖެއަށް އެތެރެވެފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖުކޮށް 7،100 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ރާއްޖެއަށް އައި ޓޫރިސްޓުންގެ 69 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ.
މިދިޔަ އަހަރު ނިންމާލި އިރު ރާއްޖެއަށް 2.25 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ އެ އަހަރުގެ ފުރަތަމަ އަންދާޒާ އަށް ވުރެ ބައި ލައްކަ މަދު އަދަދެކެވެ.