ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން މިއަހަރުގެ ތެރޭގައި 12،000 ފްލެޓުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން ލޯނުތައް ހޯދަން އުނދަގޫވި ކަމަށެވެ. އެހެންވެ، ހައްލުތަކެއް ހޯދުމަށް ސަރުކާރަށް މަޖުބޫރުވި ކަމަށާއި އެމްއެމްއޭ އާއި އެހެން އިދާރާތައް ގުޅިގެން މަޝްވަރާކުރި ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޭންކްތަކުން ލެންޑްކުރާ ފައިސާގެ 10-15 ޕަސެންޓް، 5-6 ޕްރޮފިޓް ރޭޓެއްގައި ހައުސިންނަށް ކަނޑައަޅަން ނިންމީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެން ދިއުމޭ ޖުމްލަކޮށް. އެއީ އެއްވެސް ސަރުކާރެއްގައި މިހާތަނަށް މަސައްކަތް ނުކުރެވޭ އަދަދެއް. އަޅުގަނޑުމެން އިސްކަން ދެނީ ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތައް އަޅައިގެން ކުރިއަށް ގެންދިއުމަށް
އެ މޮޑެލްގައި މަޝްރޫއު ކުރިއަށް ގެންދަނީ އެކަމަށް ހޭދަވާ ފައިސާ ރިކަވާކުރާނެ ގޮތެއްގެ ދަށުން މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެ އުސޫލުގެ ދަށުން 3،300 ފްލެޓް އަޅަން ބޭންކް އޮފް މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފަ އެވެ. އަދި މި މަސް ތެރޭގައި ބައެއް ތަންތަނުގެ މޮބިލައިޒޭޝަން މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ފްލެޓްތައް އަިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލެ އާއި ވިލިމާލޭގަ އެވެ.
އެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ވެސް މިނިސްޓަރު އަންދާޒާ ކުރައްވަ އެވެ. އޭގެ އިތުރުން، އިންޑިއާގެ ސަރުކާރުގެ އެހީގައި ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ކުރިއަށް ގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ލިޔެކިޔުންތަކެއް ބަދަލުކުރުމުގެ މަސައްކަތެވެ. އަދި އެ މަޝްރޫއު މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ސައުދީގެ އެހީގައި އަޅާ 400 ފްލެޓުގެ މަސައްކަތް ވެސް އެބަ ކުރިއަށްދާ ކަމަށާއި ޗައިނާގެ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ހައުސިން ޔުނިޓް އެޅުމުގެ ތައްޔާރީތައް ވެސް އެބަ ކުރިއަށްދާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ޖުމްލަކޮށް 12000 ފްލެޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި ސަރުކާރުން އިސްކަންދެނީ 3 ކޮޓަރީގެ އެޕާޓްމަންޓް އެޅުމަށް ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެން ދިއުމޭ ޖުމްލަކޮށް. އެއީ އެއްވެސް ސަރުކާރެއްގައި މިހާތަނަށް މަސައްކަތް ނުކުރެވޭ އަދަދެއް. އަޅުގަނޑުމެން އިސްކަން ދެނީ ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތައް އަޅައިގެން ކުރިއަށް ގެންދިއުމަށް،"
މުއްތަލިބު ވިދާޅުވީ އެއީ ވުޖޫދުގައި ނެތް ފްލެޓުތަކެއް ކަމަށް ނުބުނެވޭ ކަމަށާއި އެކަމާ ގުޅިގެން ގައުމުތަކާ ވާހަކަ ދައްކައި އެކަންކަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މިހާރު ހުޅުވާލާފައިވާ 7،900 ފްލެޓާ ގުޅިގެން މުއްތަލިބު ވިދާޅުވީ މިދިޔަ ދެ ދުވަހުގެ ތެރޭގައި 877 މީހަކު ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 221 އެޕްލިކޭޝަނާއި 416 ފްލެޓު އެޕްލިކޭޝަނެވެ.
މިނިސްޓަރު ވަނީ ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށް ޑްރާފްޓް ސްޓޭޖުގައި ބަހައްޓައިގެން ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކޮށްގެން އެޕްލައިކުރުމަށް އެދިވަޑައިގެންފަ އެވެ.
"އެއީ ހަގީގަތުގައި ދޮގު މައުލޫމާތު ދީގެން ބައެއްގެ ހައްގުތައް ގެއްލިގެން ނުވާނެ. އުސޫލު ބަލާފައި އޭގައި ހުރި ލިޔުންތައް ހުށަހަޅަން އެދެނީ. އެހެން ނޫނީ ފަހުން ނުލިބުނީމަ ކުރެވޭނެ ކަމެއް ނޯންނާނެ."
ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ފްލެޓަށް އެޕްލިކޭޝަން ހުށަހަޅޭ ގޮތަށް އޮތްއިރު މުއްތަލިބު ވިދާޅުވީ އެގޮތަށް އޮތީ އެއް މައުލޫމާތެއް ބޭނުންކޮށްގެން ދެ ފްލެޓު ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދިނުމަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޝަރުތު ހަމަނުވެގެން ބާތިލުކުރަންޖެހޭ ފަދަ ހާލަތަކަށް ނުދާނީ ހުރިހާ ޑޮކިއުމަންޓެއް ލުމުންނެވެ. އަދި އަވަސް އަރުވާލައިގެން އެޕްލިކޭޝަން ހުށަހެޅުމުން ލިބޭނެ ވަކި މޮޅެއް ނޯންނާނެ ކަމަށާއި އިތުރަށް ލިބޭނެ މާކްސް އެއްވެސް ނޯންނާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ޝަރުތުހަމަނުވާ ނަމަ އެޕްލިކޭޝަން ހުށަނޭޅުމަށް ވެސް އެދިވަޑައިގެންފަ އެވެެ. އޭރުން ހައްގުވެރި ފަރާތްތަކަށް ފްލެޓު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.