ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް އިއްޔެ ފެނިއްޖެ އެވެ.
ޒައިދު އަހްމަދުގެ ނަމުގައިވާ ފޭސްބުކް އެކައުންޓެއްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް ފެނިފައިވާ ކަމަށެވެ.
ބެލެވޭ ގޮތުގައި، އެއީ ކުޑަ އަންހެން ކުއްޖެއްގެ ބޮލުގެ ނާށިގަނޑާއި އުނަގަނޑުގެ ކަށިތައް ކަަމަށް އެ ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނީ އެ ސަރަހައްދަކީ އިހުގައި ވަރަށް ގިނައިން މީހުން ވަޅުލާ އުޅުނު ސަރަހައްދެއް ކަމަށް ބެލެވޭ ކަމަށެވެ.
ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު "މިހާރު"އަށް މިއަދު ވިދާޅުވީ ރަށްގިރާ ދުވަސްވަރާ ދިމާކޮށް އާންމުކޮށް ވެސް އެ ރަށުން މިގޮތަށް މިނިކަށިތައް އެކި ސަރަހައްދުތަކުން ފެންނަ ކަމަށެވެ.
"ފުވައްމުލަކުގައި އިހުގައި ރަށުގެ ވަށައިގެން އެކި ތަންތަނުގައި މީހުން ވަޅުލާ އުޅުނު. އެހެންވެ، މިގޮތަށް ދޭތެރެއަކުން މިނިކަށި އެކި ތަންތަނުން ފެނޭ. މިދިޔަ އަހަރު ވެސް އެގޮތަށް މިނިކަށިތައް ފެނުނު،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން އެ ގަބުރުތައް ނަގައިގެން ގަބުރުސްތާނެއްގައި ވަޅުލުމުގެ މަސައްކަތް ކުރާނެ އެވެ.
މިހާރު ރާއްޖޭގައި ފެންނަން ހުރި އާސާރީ ގަބުރުސްތާނުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ގަބުރުސްތާން ވެސް ހުންނަނީ ފުވައްމުލަކުގަ އެވެ. އެއީ އެ ރަށުގެ ހުކުރު މިސްކިތުގައި އޮންނަ އާސާރީ ގަބުރުސްތާނެވެ.