މާލެ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް އެ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ތަކެތި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ތަކެތި ބަލައިގަންނަ ތަންތަން
- މާލެ: ސިނަމާލެ ތިނެއްގެ ގޯތިތެރެ (ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ ތިނެއްގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ)
- ވިލިމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
- ހުޅުމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް
ސިޓީ ކައުންސިލުން ބުނީ އެ އިދާރާއިން ބަލައިގަންނާނީ ގޭގެއިން ގެންދާ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ ތަކެތި އެކަނި ކަމަށެވެ.