ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދާ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ "މިހާރު" އަށް ވިދާޅުވީ މި ފަހުން މަނިޕާލާއެކު އެގްރިމެންޓު ހެދީ އަގުތައް ކުޑަކޮށްފައި، އެއްބަސްވެވުނު ހިދުމަތްތައް އަލުން އާސަންދަ ހިދުމަތުގެ ދަށުން ދިނުމަށް ކަމަށެވެ.
އެ ހޮސްޕިޓަލަށް މިދިޔަ ޖޫން 30 ވަނަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން ފަރުވާ ދިނުން މެދުކަނޑާލީ އެ ތަނުގެ އަގުތައް ބޮޑުވެ، އަގު ހެޔޮކުރުމުގެ މަޝްވަރާކުރުމަށެވެ. އެތައް ދުވަހެއްގެ މަޝްވަރާއަށްފަހު، އަލުން އާސަންދަ ދޭން ފެށީ ހިދުމަތްތަކުން ނަގާ އަށް ބަދަލު ގެނައުމަށް ފަހު އެވެ.
އާސަންދައިގެ ޕޮލިސީތައް ހަދާ، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އޭރު ވިދާޅުވީ މަނިޕާލް ހޮސްޕިޓަލަށް އާސަންދައިން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށެވެ.
އެހެންވެ، ވަކި ގޮތެއް ނިންމަންދެން، މިހާރު ވެސް އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި، އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ބޭނުންވާ މީހުންނަށް ކަމަށް ހީނާ ވިދާޅުވި އެވެ.
ދިވެހިން ފަރުވާއަށް ފޮނުވަން އާސަންދައިން ވަނީ ބޭރުގެ 60 ހޮސްޕިޓަލަކާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ 49 ހޮސްޕިޓަލެއް ހިމެނެ އެވެ.