ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވަނީ، 10 އަހަރަށް އެކްސްކްލޫސިވިޓީ ލިބޭ ގޮތަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗު 25ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް މުއްދަތު ދީފަ އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ އޮގަސްޓު، 2024 ގަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވުމާއެކު މިދިޔަ މަހު ވަނީ އަނެއްކާ ވެސް އިއުލާންކޮށްފަ އެވެ.
ނަމަވެސް، ތިން ވަނަ ފަހަރަށް އެ އިއުލާންކުރި ސަބަބެއް އަދި ސާފެއްނުވެ އެވެ.
މިނިސްޓްރީން ބުނީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ މައިގަނޑު ބޭނުމަކީ ދަތުރުފަތުރުކުރުމުގެ ވިއުގަ ގުޅާލުމާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވަން އެހީތެރިވެދިނުން ކަމަށެވެ.
އޭގެ އިތުރުން، ފަސޭހަކަމާ އެކު ޓޫރިސްޓުން ގޮވައިގެން ދަތުރުކުރުމާއި ސިއްހީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލުން އަދި ގެއްލޭ މީހުން ހޯދުމުގައި ހެލިކޮޕްޓަރުގެ އެހީ ހޯދުމަކީ ވެސް އެއް ބޭނުމެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭރުގެ 36 ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ މާޗު މަޗުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ވެސް، ނޮވެމްބަރު، 2024 ގައި އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 2000 ގެ ކުރީކޮޅު ހެލިކޮޕްޓަރު ދުއްވި އެވެ. އެކަމަކު، އެ އުޅަނދު ވެއްޓުމުގެ ހާދިސާތަކުގައި ބަޔަކު މަރުވުމުން އެ ހިދުމަތް ހުއްޓާލީ އެވެ.
އަމީން ވިދާޅުވީ އެ މަސައްކަތް އަލުން ފަށަނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަންގެ ރިކޮމަންޑޭޝަންތަކާ އެކު ކަމަށެވެ.