ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، ގައުމީ އެއާލައިން މޯލްޑިވިއަނުން އަންނަ މަހު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް"އެއް ގާއިމުކުރުމަށް އެމްޔޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މިއަދުން ފެށިގެން، ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ބޭއްވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި މީގެ ސަބަބުން ދަތުރުފަތުރާއި ޓޫރިޒަމް އަދި ވިޔަފާރިގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް އަމީންގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެ އެއްބަސްވުމަ ގުޅޭ އިތުރު މައުލޫމާތު "މިހާރު" އާ ހިއްސާ ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އޭގެ ސަބަބުން އެއްވެސް ހުރަހެއް ނެތި ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ކަމަށާއި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ވެސް އަންނަ މަހު ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެ ކަަމަށެވެ. 

"މީގެ ބޭނުމަކީ އެއާ ސާވިސަސް އެގްރީމަންޓެއް އޮވެގެން ނޫނިއްޔާމުން ދެ ގައުމު ދޭތެރޭގައި ދަތުރުކުރުމުގައި ހައްގުތަކާއި ޒިންމާތަކާއި ގާއިމް ނުކުރެވޭތީ. ހުރިހާ ގައުމެއްގެ މެދުގައި ވެސް އޮންނާނެ މި ކަހަލަ އެއްބަސްވުމެއް،" އޭނާ ވިދާޅުވި އެވެ. 

ރާއްޖެ އިން އެއާ ސާވިސް އެއްބަސްވުންތައް މިހާތަނަށް ހަދާފައި ހުރީ މަދު ގައުމުތަކަކާ އެކުގައި ކަމަށާއި އިތުރު ގައުމުތަކާ އެކު، މި އެއްބަސްވުން ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. 

"މިކަން އަވަސްކުރަން ޖެހުނު ސަބަބަކީ، މިހާރު މި ހިނގާ ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް އިތުރު މާކެޓްތައް ވެސް ހޯދަން ޖެހޭތީ،" އޭނާ ވިދާޅުވި އެވެ. 

މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އެ އެއާލައިނުން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ އެއާލައިން މެދުވެރިކޮށް އޮސްޓްރޭލިއާއަށް ދަތުރުތައް ފަށަނީ އެ ގައުމުގެ ޓްރެވަލް ކުންފުނި، ލަގްޒަރީ އެސްކޭޕާ ގުޅިގެންނެވެ. 

މިވަގުތު ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ކުރަނީ ޓްރާންސިޓް ދަތުރުތަކެވެ. 

މޯލްޑިވިއަން އިން މެލްބަން އަށް ދަތުރުތައް ފަށަން ކުރިން ރާވާފައި އޮތީ އަންނަ މެއި 17 އިން ފެށިގެންނެވެ. ނަމަވެސް، މިނިސްޓަރު އަމީން މިއަދު ވިދާޅުވި ގޮތުގައި، އަންނަ މަހު އެ ދަތުރުތައް ފަށާނެ އެވެ. 

އޮސްޓްރޭލިއާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދިހަ ގައުމުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ.