ގައުމީ އެއާލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއިން ރާއްޖެއަށް ފުރަތަމަ ފްލައިޓް މިއަދު ބާއްވައިފި އެވެ.
އެ އެއާލައިނުން އޮސްޓްރޭލިއާ އިން ރާއްޖެއަށް މިއަދު ހެނދުނު އައި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި މޯލްޑިވިއަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވިއަނުން ރާއްޖެއިން އޮސްޓްރޭލިއާއަށް ފުރަތަމަ ފްލައިޓް ބޭއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ތާރީހުގައި ވެސް ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ބޭއްވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ކުރަނީ ޓްރާންސިޓް ދަތުރުތަކެވެ.
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330 ގައި ކުރުމަށް ހަމަޖެހިފައިވާ އެ ދަތުރުތަކުގެ ދަށުން ކޮންމެ ހަފުތާއަކު ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ކޮޅަކަށް އެއް ފްލައިޓް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ކޮޅަކަށް 11 ވަރަކަށް ގަޑިއިރުގެ ދިގު ދަތުރެކެވެ.
އޮސްޓްރޭލިއާގެ ޓްރެވަލް ކޮމްޕެނީ ލަގްޒަރީ އެސްކޭޕްއާ ގުޅިގެން ކޮންމެ ހަފުތާއަކު މެލްބަންއަށް ޝެޑިއުލް އެއް ދަތުރު ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމައިފަ އެވެ.
ރާއްޖެ އާއި އޮސްޓްރޭލިއާގެ އަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް"އެއްގައި މިދިޔަ މާޗް މަހު ވަނީ ސޮއިކޮށްފަ އެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތި ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ އެވެ.
މޯލްޑިވިއަންއިން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށިއިރު އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު ކަމަށްވާ އޭ330 ގައި ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާ އަށް ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް ކުރެ އެވެ. އަދި އަންނަ ސްކޫލް ބަންދާ ދިމާކޮށް ތައިލެންޑަށް ވެސް ފްލައިޓްތައް ބާއްވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް އެކި ދުވަސްތަކާ ދިމާކޮށް ސްރީލަންކާ އާއި މެލޭޝިއާ އަދި ސައުދީ އަރަބިއްޔާ އަށް ވެސް ފްލައިޓްތައް ބޭއްވި އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދާ ދިވެހިން ވެސް މޯލްޑިވިއަންގައި ދަތުރު ކުރެ އެވެ.