ރާއްޖެ އާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ގައުމީ އެއާލައިންގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އިއުލާން ކުރައްވައިފި އެވެ. 

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ޕާކިސްތާންގެ ވިޔަފާރިވެރިންނަށް ހާއްސަ ކޮށްގެން އިސްލާމްއާބާދުގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ބިޒްނަސް ފޯރަމްގަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ 20 އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް އެމްއޯޔޫއަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމާ ގުޅޭ އެމްއޯޔޫ އެވެ. 

ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ރާއްޖެ އާއި ކަރާޗީއާ ދެމެދު މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް ފެށުމާ އެކު، ދެ ގައުމުގެ ދެމެދުގައި ދަތުރުތައް ފަސޭހަވެ، ވިޔަފާރި އާއި ޓޫރިޒަމްގެ ދާއިރާ އިން އާ ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ. 

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރަން ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. 

ރައީސް ވިދާޅުވީ، އެއީ ހަމައެކަނި ޢަދަދުތަކެއް ނޫން ކަމަށާއި އަމާޒަކީ ދެ ގައުމުގެ ރައްޔިތުންނަށްޓަކައި އިންވެސްޓްމަންޓުތަކެއް ގެނައުން ކަމަށެވެ. 

"އަޅުގަނޑުމެން މި ހޯދައިދެނީ ދެ ގައުމުގެ ވިޔަފާރިވެރިންނަށް  ހަމައެކަނި އާ ފުރުސަތުތަކެއް ނޫން. މިކަމުގެ ސަބަބުން މި ސަރަހައްދުގައި ތަނަވަސްކަން އިތުރުވެ، ހަމަޖެހުން ވެސް އިތުރުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޕާކިސްތާނުގެ ވިޔަފާރީގެ ފުރުސަތުތައް ފެނިވަޑައިގަންނަވަނީ ވަރަށް ފަހިކޮށެވެ. ދެ ގައުމުގެ އިގުސާދުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެވޭނެ ބާރު އެބަހުރި ކަމަށާއި ރާއްޖެއަށް ބަލާ ނަމަ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ދެކޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. 

"ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ލެދުކެނޑުމެއް ނެތި ކާބޯތަކެތި ލިބޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް. އަދި ހަމަ އެއާއެކު އަޅުގަނޑުމެންގެ ބާޒާރަކީ ކުޑަ ބާޒާރެއް ކަމަށް ދެކިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ. 

ގިނަ ބަޔަކު ބައިވެރިވި ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ފަސްލައްކަ ރައްޔިތުންގެ ބާޒާރެއް ނޫން ކަމަށެވެ. ކޮންމެ އަހަރަކު ރާއްޖެ އަށް ދެ މިލިއަނަށް ވުރެެ ޓޫރިސްޓުން ޒިޔާރަތް ކުރާކަން ފާހަގަކުރެއްވި އެވެ. 

"ޕާކިސްތާނުން ދަނޑުވެރިކަމުގެ ދާއިރާއިން މިހާރު ވެސް އަޅުގަނޑުމެންނަށް ހިދުމަތް ލިބޭ. އެކަމަކު އެ ވިޔަފާރި ވެސް އިތުރަށް ފުޅާވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް
ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

ދެން އެ މަނިކުފާނު ވިދާޅުވީ ފިނިކޮށްގެން ތަކެތި އުފުލުމުގެ ނިޒާމާއި ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭނެ ގުދަންތަކާއި ރައްކާތެރިކޮށް ކާބޯތަކެތި ތައްޔާރު ކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ޕާކިސްތާނާ ގުޅިގެން މަސައްކަތް ކުރަން މަރުހަބާ ވިދާޅުވާ ކަމަށެވެ. 

އެކަމަކު، އެއާ އެކު ދެން ބޭނުންވަނީ ދެ ގައުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ގުޅުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާވާ ގޮތަށް ދަތުރުފަތުރުގެ ގުޅުންތައް ގާއިމް ކުރުމަށް ދެ ގައުމުގެ ޝިޕިން ބަނދަރު އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް އަޅުގަނޑު ހިތްވަރު ދެން،" ރައީސް ވިދާޅުވި އެވެ. 

"އެއާ އެކު، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރުމަށް އެއާލައިންތަކަށާއި އޭވިއޭޝަން އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށް ވެސް ހިތްވަރު ދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ފުރަމާނަ ދަތުރުފުޅުގައި ޕާކިސްތާނަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަ އެވެ. ދެ ދުވަހުގެ ދަތުރުފުޅުގައި ބޮޑުވަޒީރު ޝެހްބާޒްގެ އިތުރުން ރައީސް އާސިފް އަލީ ޒަރްދާރީއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. 

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެހެންވެ، ޕާކިސްތާނުން ރައީސް މުއިއްޒުގެ ދަތުރުފުޅު ނަގާފައި ވަނީ ވަރަށް ހާއްސަ އަދި "ސީރިއަސް" ދަތުރުފުޅެއްގެ ގޮތުގައި ކަން ފާހަގަކުރެވެ އެވެ.