ޕާކިސްތާން ސަރުކާރުގެ އެހީގައި ރާއްޖޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމް ގުޅިފަޅުގައި އަޅާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާ އެކު 20 އެމްއޯޔޫއެއްގައި ރާއްޖޭން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ސޮއި ކުރި އެމްއޯޔޫ އެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އޭގެ ދަށުން އަޅާ ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. 

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު "މިހާރު" އަށް ވިދާޅުވީ އެކަމަށް ބޭނުންވާ ބިން ގުޅީފަޅުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިން ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާބްރީފިން ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ސްޓޭޑިއަމް އިމާރާތްކުރުމުގެ ކުރިން ހަދަންޖެހޭ ފީސިބިލިޓީ ދިރާސާތައް ހެދުމަށްޓަކައި ޕާކިސްތާނުގެ ކްރިކެޓް ބޯޑް (ޕީސީބީ) ގެ ވަފުދެއް މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ރައީސް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. 

މިދިޔަ އެމްޑީޕީ ސަރުކާރުގައި އިންޑިއާގެ އެހީގައި ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން ހަމަޖެއްސި އެވެ.