ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ޕާކިސްތާންގެ ވިޔަފާރިވެރިންނަށް ކިޔައިދޭން މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި 540 ފަރާތަކުން ބައިވެރިވި ކަމަށާއި އެއީ މިހާތަނަށް އެންމެ މަތީ އަދަދު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ޝަރަފުވެރި ކޮށްދެއްވީ އެ މަނިކުފާނުގެ އިތުރުން ޕާކިސްތާންގެ ބޮޑުވަޒީރު ޝަހެބްާޒް ޝަރީފު އެވެ.
އިސްލާމްއާބާދުގައި ބޭއްވި މި ފޯރަމްގައި ރައީސް މުއިއްޒާއި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހެބާޒް ވެސް ވާހަކަފުޅު ދެއްކެވި އެވެ. ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ޕާކިސްތާންގެ ކަރާޗީ އާއި ރާއްޖެއާ ދެމެދު ވަރަށް އަވަހަށް ފަށާނެ އެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ވިދާޅުވީ، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމަށާއި އެ ދާއިރާއިން ދެވިދާނެ އެހީތެރިކަން ބެލުމަށް އެ ގައުމުގެ ވަފުދުތަކެއް ވަރަށް އަވަހަށް ރާއްޖެއަށް ދަތުރުކުރާނެ ކަމަށެވެ. އޭގެ މަސައްކަތްތައް މިހާރު ވެސް ފައްޓަވާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ބިޒްނަސް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ސީދާ ގުޅުން ބޭއްވުމާއި ދެމެހެއްޓެނިވި ޕާޓްނާޝިޕެއް މުހިންމު ކަމަށެވެ. އިންވެސްޓްމަންޓުތަކާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.