ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރާ "ލަގްޒަރީ" ދަތުރުތަކަށް ހާއްސަކޮށްގެން "ކިންގް އެއާ 360" ގެ މަރުކާޒގެ މަތިންދާބޯޓެއް މިއަދު ގެނެސްފި އެވެ. 

ފަސިންޖަރުންނަށް ހާއްސަ 8 ސީޓް ހިމެނޭ ކިންގް އެއާގެ މަތިންދާބޯޓުގެ ހިދުމަތް ދޭން ނިންމާފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި "ނިލާ ކޮރަލްސް އައިލެންޑް" އާ ގުޅިގެންނެވެ. 

އެ ބޯޓުގެ ދަތުރުތައް ހާއްސަ ކޮށްފައި ވަނީ ލަގްޒަރީ ދަތުރުތަކާއި ޕްރައިވެޓް ދަތުރުތަކަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި އެއީ ރާއްޖޭގައި ލަގްޒަރީ ޓޫރިޒަމް ފުޅާކުރުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

ކިންގް އެއާ ރާއްޖެއަށް ތައާރަފު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، މިއީ އެ ކުންފުނިން "އާ އުސްމިނަކަށް" ދަތުރުކުރުން ކަމަށެވެ. 

ކިންގް އެއާ 360 އާ އެކު އައިލެންޑް އޭވިއޭޝަނުން އާ ހިދުމަތެއް މިއަދު ފެށީ ކަމަށާއި އެ ކުންފުންޏާ މެދު އާ އުންމީދުތަކެއް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ޓޫރިސްޓުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް އެންމެ މުހިންމު އަދި އެންމެ ބުރަ މަސައްކަތްތައް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ. 

މޯލްޑިވިއަންއިން ރާއްޖެއަށް ތައާރަފުކުރި ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި----ފޮޓޯ: މޯލްޑިވިއަން އެއާލައިން
މޯލްޑިވިއަންއިން ރާއްޖެއަށް ތައާރަފުކުރި ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި----ފޮޓޯ: މޯލްޑިވިއަން އެއާލައިން

"ގައުމީ އެއާލައިނުން، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ އިތުރަށް ރާއްޖެ އަަށް ހުރިހާ އެއާލައިންތަކަކުން އަންނަ ޓޫރިސްޓުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް މިދަނީ ރެއާއި ދުވާލު މިތިބަ މުވައްޒަފުން ކެނޑިނޭޅި ކެޕްޓަނުން، އިންޖިނޭރުން، ގްރައުންޑް އޮޕަރޭޝަންގައި މި ހުރިހާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން ދެމުން،" އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވި ގޮތުގައި އެ ހުރިހާ މުވައްޒަފުންގެ ކައިރިން އެދެމުން ދަނީ ސީޕްލޭންގެ ހިދުމަތް ނުދެވޭ އަދި ލަގްޒަރީ ހިދުމަތް ތައާރަފު ކުރުމަށެވެ. އެ ޑިމާންޑް އަބަދުވެސް އޮންނަ ކަމަށް ވިދާޅުވި އެވެ. 

"އެހެންވީމާ ފަހަތުން މި ފެންނަ ގުރޫޕާ އެކުގައި އެ ޑިމާންޑް އިރާދަކުރެއްވިއްޔާ މި ތައާރަފު ވެގެންދާ އާ މަތިންދާބޯޓުގެ ހިދުމަތް ވެގެންދާނީ މިހެން ކަނެކްޓިވިޓީ ހޯދުމަށް ރިކުއެސްޓް ކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު ހިދުމަތަކަށް،" ސަލީމް ވިދާޅުވި އެވެ.