ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އެއާބަސްގެ ދެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑު އޭވިއޭޝަނުން ބުނީ އެއާބަސް A220-300 މަރުކާރުގެ ދެ ބޯޓު ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ބޭރުގެ ދުރު މަންޒިލްތަކަށް 2012 އިން ފެށިގެން އެ ކުންފުނިން ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ. ނަމަވެސް، ކުންފުނީގެ ފްލީޓް ޒަމާނީ ކުރަން އެއާބަސް އޭ220 މަރުކާގެ ބޯޓުތަކަށް ބަދަލުކުރަން ނިންމީ ކަމަށް ބުންޏެވެ.
އާ ބޯޓުތަކުގެ ސަބަބުން މަސައްކަތް އަވަސްވުމާއި ފުރިހަމަކަން އިތުރުވެ އަދި ދަތުރުކުރާ މީހުންނަށް ވެސް ފަސޭހަވާނެ ކަމަށް ބުންޏެވެ.
ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހު ކުއާޓާގައި އަދި ދެ ވަނަ ބޯޓު 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ގެނެސްދޭން ޖެހެ އެވެ.
މޯލްޑިވިއަނުން އެތެރޭގެ 18 މަންޒިލަކަށް ދަތުރުކުރެ އެވެ.
އެ އޮޕަރޭޝަންތަކުގައި މިހާރު ބޭނުންކުރަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600 ގެ ތިން ބޯޓު އާއި ޑީއެޗްސީ-8-300 އަދި ޑީއެޗްސީ-8-200 މަރުކާގެ ހަތް ބޯޓެވެ.
މޯލްޑިވިއަނަށް އެއާބަސްގެ އާ މަރުކާރުގެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދަން އިއުލާންކުރިއިރު، އެ އެއާލައިނުން މިހާރު ބޭނުންކުރާ އޭ320 ގެ ބޯޓު ރާއްޖެ ގެނައީ މިދިޔަ ޖެނުއަރީ 6 ގަ އެވެ. އެ ބޯޓުގައި ވަނީ އޮސްޓްރޭލިއާއަށް ދަތުރު ފަށައިފަ އެވެ.