ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށަން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ބަދަލުކުރަން މިއަދު ނިންމައިފި އެވެ.
އެ އެއްބަސްވުން ހަދަން ނިންމާފައިވާކަން ހާމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ.
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޓޫރިޒަމް ފުޅާކުރުމަށް ސީދާ ދަތުރުތައް އަލުން ފެށުމަށް ހަދާ އެ އެއްބަސްވުމުގައި ސޮއިކުރުން ފަހުން މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން މިދިޔަ މަހު އިއުލާންކުރި ގޮތުގައި، އެ އެއާލައިންގެ ފްލީޓަށް އާ ބޯޓުތައް އިތުރުވުމާ އެކު ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 2017 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާއްޖެ އާއި އެ ގައުމާ ދެމެދުގައި ވައިގެ މަގުންނާއި ކަނޑުމަގުން ސީދާ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި 2022 ވަނަ އަހަރު ވެސް ޕާކިސްތާނުގެ ގައުމީ އެއާލައިނުން ވެސް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާންކުރި އެވެ.
ޕާކިސްތާނުން ވަނީ ވަރަށް ކުރިން ރާއްޖެއަށް ވައިގެމަގުން ސީދާ ދަތުރުތައް ކޮށްފަ އެވެ.
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސެވެ.
އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ. ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫގައި ސޮއިކުރުމުގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ފަރިއްކޮޅު އޮންނާނެ އެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުން ހިމެނެ އެވެ.
މި ދަތުރުފުޅު ދިމާވެފައި މިވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރި ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1966 ގަ އެވެ.