ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޕާކިސްތާނަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ. 

ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަރުތައް އަލުން ފެށުމާއި ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތް ކުރުމާއި ސައިބާ ސެކިއުރިޓީ އާއި މަސްތުވާތަކެތި ސްމަގްލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން ހިމެނެ އެެވެ. އޭގެ އިތުރުން ދިފާއީ ކަންކަމާ ގުޅޭ އެމްއޯޔޫއަކާއި ކަނޑުމަތީގެ ރައްކާތެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ އެމްއޯޔޫ ހިމެނެ އެވެ. އަދި ދަނޑުވެރިކަމާ ގުޅޭ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ.

އެ އެމްއޯޔޫތަކާ ގުޅޭ ތަފުސީލްތައް އަދި ހާމައެއް ނުކުރެ އެވެ. 

ޕާކިސްތާނުން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދުގެ ހެނދުނު ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީގެކޮޅުގަ އެވެ. އޭގެ ފަހުން ދެ ގައުމުގެ ރަސްމީ ވާހަކަތައް ވެސް ބޭއްވި އެވެ. 

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ 2015 ގަ އެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ހަމައެކަނި ވެރިއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެހެންވެ ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާ ރާއްޖޭގެ ތިންވަނަ ރައީސެވެ. 

އެެހެންވެ، ޕާކިސްތާނުން ވެސް ވަނީ ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ. ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫގައި ސޮއިކުރުމުގެ އިތުރުން ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ފަރިއްކޮޅު އޮންނާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުން ހިމެނެ އެވެ. 

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރި ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1966 ގަ އެވެ.