މާލެ ސަރަހައްދެކޭ އެއްގޮތށް މި އަހަރުގެ ތެރޭގައި އައްޑޫގައި ވެސް ސަރުކާރުގެ ޓެކްސީލައިންގެ ހިދުމަތް ތައާރަފްކުރާނެ ކަމަށް، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އައްޑޫ ވެސް މިހާރު އޮތީ އެ ފަދަ ހިދުމަތަކަށް ބޭނުންވެފައި ކަމަށެވެ. އެހެންވެ، އެއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭގައި ސަރުކާރުން ޓެކްސީ ދޭން ފެށި ފެންވަރަށް އައްޑޫގައި ވެސް މި އަހަރުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލަ ޓެކްސީ ސެންޓަރުތަކަކީ ވެސް މުހިއްމު ހިދުމަތްތަކެއް ދޭ ތަނެއް ކަމަށެވެ. އެ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަން ނަމަވެސް، އެ ތަންތަނަށް މިހާރެކޭ އެއްގޮތަށް ހިދުމަތް ދިނުމަށް ދައްޗެއް ނޯންނާނެކަން އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަނީ ލުއިފަސޭހަ އަދި ގެނެވެން ހުރި ކަންކަން ބަލައި އެ ބަދަލުތައް ގެނެސްދެމުންކަން އަމީން ފާހަގަކުރައްވި އެވެ. އޭގެ ތެރެއިން، ޓެކްސީ ހިދުމަތް ދިނުމުގެ ގަވައިދަށް ބަދަލު ގެނެސް އިތުރު ސެންޓަރުތަކުގައި ޓެކްސީ ހިދުމަތް ދެވޭނެ ގޮތަށް ބަދަލުތައް ގެނައި ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކޮށްދެނީ މަދުވެގެން 100 ޓެކްސީ ހިމެނޭ ނަމަ އެވެ. އެ އަދަދު ވެސް ސަރުކާރުން ވަނީ 50 އަށް މަދުކޮށްފަ އެވެ.
"މިފަދަ ހިދުމަތްތަކުގެ ބޭނުމަކީ ޕްރައިވެޓް ސެކްޓާ ކުރިއެރުމުގެ ސިޔާސަތު،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައގެންނެވި ހަފުލާގައި އަމީން ވިދާޅުވި އެވެ.
އެމްޓީސީސީން އޮޕަރޭޓްކުރާ މި ހިދުމަތް މިރޭ ފެށީ 150 ކާރާ އެކުގަ އެވެ. އޭގެ ތެރޭގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ؛
- ލުމިން މޮޑެލްގެ ކާރު: މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ކުދި ކާރު
- މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ޑީޕަލް އެސްފައިވް
- ހަތަރު ޕަސިންޖަރުންނަށް ތިބެވޭ ގޮތަށް ހުންނަ ޑީޕަލް އެސްސެވަން
އަމީން ވިދާޅުވީ އެ ދަތުރުތައް ކުރުމުގައި ޕާޓް-ޓައިމް އަދި ފުލްޓައިމްކޮށް ވެސް އުޅޭނީ ދިވެހިން ކަމަށެވެ. އެހެންވެ، އާއްމުންނަށް ފަސޭހަ އަދި ރައްކާތެރިކަމާއި އިތުބާރުކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު އެދެވޭނީ، އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ގުޅައިގެން ވެސް ޓެކްސީ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.