މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ.
އެމްޓީސީސީ މެދުވެރިކޮށް އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
އެއާ އެކު، ރައްޔިތުން ބަލައިގަންނަ، އިތުބާރު ކުރާ އަދި އުފާވެރިކަން ގެނެސްދޭ ކަމަކަށް ވާނެ ކަމަށް ސައުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ލައިނާ އެކު އެންމެ ބޮޑު ހައްލެއް ލިބޭނީ މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބޭ މައްސަލައަށް ކަމަށެވެ.
އަލަށް ހިއްކި ބިންތަކާއި އިމާރާތްކުގައި މީހުން ދިރިއުޅެން ފެށުމުން އެންމެ މުހިއްމު ވާނީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ކަމަށާއި މި ޓެކްސީލައިނަކީ މިއަދު އަދި އަންނަން އޮތް ޖީލުތަކަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނެސްދެއްވި ހައްލެއް ކަމަށް ސައުދީ ވިދާޅުވި އެވެ.
މާލެ އާއި ހުޅުމާލެ އަދި އެކި ރަށްރަށުގައި އެމްޓީސީސީން އަންނަނީ މިހާރު ވެސް ބަހުގެ ހިދުމަތް ދެމުންނެވެ.
ސައުދީ ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި 27،000 އަށްވުރެ ގިނަ ކަސްޓަމަރުން ބަހުގެ ހިދުމަތް ހޯދާ ކަމަށެވެ. އެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން، އެއް އެޕްލިކޭޝަނެއްގެ ދަށަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ؛
- ލުމިން މޮޑެލްގެ ކާރު: މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ކުދި ކާރު
- މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ޑީޕަލް އެސްފައިވް
- ހަތަރު ޕަސިންޖަރުންނަށް ތިބެވޭ ގޮތަށް ހުންނަ ޑީޕަލް އެސްސެވަން
އެމްޓީސީސީން ބުނީ ޓެކްސީލައިންގެ ކާރަކަށް އެދުމުން، އެ މީހަކާ އެންމެ ކައިރީގައި އޮންނަ ކާރެއް ހަމަޖައްސާނެ ކަމަށެވެ. އެ ދަތުރުތަކަށް ނަގާނީ ޓްރާންސްޕޯޓު މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.