ހުޅުމާލެ ހައުސިން ޑިވެލޮޕްމެންޓް (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކުގެ ކޮރިޑޯ އާއި އާންމު ސަރަހައްދުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ނަގަން އަންގައިފި އެވެ. 

އެޗްޑީސީން ބުނީ ފްލެޓްތަކުގެ ކޮރިޑޯގައި ފަރުނީޗަރާއި ބައިސްކަލާއި ފައިވާން ހަރުފަދަ ތަކެތި ބަހައްޓަމުންދާ ކަމަށާއި އެއީ މަނާ ކަމެއް ކަމަށެވެ. ދެ ދުވަހުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ، އެ ސާމާނު އެތަނުން ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ކޮރިޑޯ އާއި އާންމު ސަރަހައްދުތަކުގައި އެގޮތަށް ސާމާނު ބަހައްޓާތީ އެކަމުގެ ދަތިތައް ކުރިމަތިވާ ކަމަށް އާންމުންގެ ފަރާތުން ޝަކުވާ ލިބޭ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އާންމު ސަރަހައްދުތަކުގައި އެފަދަ ތަކެތި ބެހެއްޓުމަކީ އެތަނުގެ ސާފުތާހިރުކަމާއި މުޅި އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ވެސް ހުރަސް އެޅޭ ކަމެކެވެ. އަދި އެކަމަކީ ފްލެޓުތަކުގެ އާންމު ބައިތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ އުސޫލާ ވެސް ހިލާފު ކަމެއް ކަަމަށް އެޗްޑީސީން ބުންޏެވެ. 

އިއުލާނުގައި އެޗްޑީސީން ވަނީ މިއަދުން ފެށިގެން ދެ ދުވަހުގެ ތެރޭގައި އެގޮތަށް ބަހައްޓާފައި ހުރި ސާމާނު ނެގުމަށް އިލްތިމާސްކޮށްފަ އެވެ. އެ މުއްދަތުގައި ނުނަގައި ތަކެތި އެޗްޑީސީން ނަގާނެ ކަމަށާއި އެކަމުގެ ތެރޭގައި މުދަލާއި ތަކެއްޗަށް ލިބިދާނެ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.