ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމަށް އެދުމަށް ހުޅުވާލިތާ އެއް ދުވަސް ތެރޭގައި، 497 ފްލެޓަކުން އެކަމަށް އެދިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުނު ހާދިސާއެއް ކައިރި ކައިރީގައި ހިނގާފައިވަނިކޮށް އެޗްޑީސީން މިދިޔަ ހޮނިހިރުދުވަހުގެ ރޭ ކުރި އިއުލާނެއްގައި ވަނީ ބެލްކަނިތައް މަރާމާތުކުރަން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ހުށަހަޅަން އެދިފަ އެވެ. 

އެކަަމަށް އެދި ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. 

އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކަމަށް އެދި ހުށަހަޅާ ތަރުތީބުން އެކި ފްލެޓުތަކަށް ޒިޔާރާތްކޮށް އެމީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ އޭޑީއެޗްޑީ އާއި ނަފްސާނީ ބަލި ފަދަ ކަންކަން ބޮޑަށް ތަހައްމަލުކުރަމުން އަންނަ މީހުން ދިރިއުޅެމުން އަންނަ ގެތަކަށެވެ. 

"އަޅުގަނޑުމެން ގޮސްފައި ބަލާއިރުގައި އޭޑީއެޗްޑީ އާއި ޑިޕްރެޝަނާއި މެންޓަލް ހެލްތު ހުންނަ ކުދިންގެ ގޭގެއިން ޕޭރެންޓުން އަމިއްލައަށް ރިކުއެސްޓްކޮށްފައި އެބަހުރި،" 

އެކަމަށް އެދި ހުށަހެޅި ގެތަކަށް ފެށި އިންސްޕެކްޝަނުގައި ފާހަގަވި ކަންކަން ހިއްސާކުރައްވަމުން އޮފިޝަލް ވިދާޅުވީ މިހާރުވެސް ބައެއް ގެތަކުގައި އަމިއްލައަށް ކުޑަދޮރުތައް ބަންދުކުރުމަށް ފަތި ޖަހައި ގްރިލް ހަދާފައި އެބަ ހުރި ކަމަށެވެ. 

އެފަދަ ގެތަކުގައި ބެލްކަނިތައް 1.4 މީޓަރަށް އުސްކުރާނެ އެވެ. ބަލިތަކުގައި ސީރިއަސް މީހުން ދިރިއުޅޭ ގެތަކުން ބޭނުންވާ ނަމަ، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން އެއްކޮށް ބެލްކަނި ބަންދުކޮށްދޭނެ އެވެ. 

"އޭޑީއެޗްޑީ ކަހަލަ ކުދިން ތިބޭ ގެތައް ނޫނީ އެ ޕޭރަންޓަކު އެތަން އެއްކޮށް ބަންދުކުރަން ބޭނުންވަންޏާ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން އެބަ ބެލްކަނި ބަންދުކޮށްދެން. އެކަމަކު އެއްކޮށް ބަންދުކުރަން ބޭނުންވާ ނަމަ އެކަން މިކޮށްދެނީ ބަލާފައި ތަންކޮޅެއް ސީރިއަސް ކުދިން ތިބި ގެތަކަށް،" އޭނާ ވިދާޅުވި އެވެ. 

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެޗްޑީސީން ބޭނުންކުރަނީ ލޮކިން ސިސްޓަމަކާއި ގްރިލިން ސިސްޓަމެކެވެ. ލޮކިން ސިސްޓަމުގެ ދަށުން ކުޑަދޮރު ކޮންމެވެސް ވަރަކަށް ހުޅުވޭނެ އެވެ. އެކަމަކު އެތަން ހުޅުވޭނީ ކުޑަކުއްޖަކު ނުވަތަ މީހަކު ވެސް ނުވެއްޓޭ މިންވަރަށް ވަރަށް ކުޑަކޮށެވެ. 

ގްރިލިން ސިސްޓަމުގެ ދަށުން ދަނޑު ނުވަތަ ފަތި ޖަހާ އެއްކޮށް ބަންދުކޮށްލާނެ އެވެ.

 

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކެއް: ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަދޮރުތަކާއި ބެލްކަނީގައި ލޮކާއި ގްރިލް ހަރުކުރަން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކެއް: ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަދޮރުތަކާއި ބެލްކަނީގައި ލޮކާއި ގްރިލް ހަރުކުރަން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮފިޝަލް ވިދާޅުވީ މިހާތަނަށް އިންސްޕެކްޝަނުގެ ދަށުން ދެވުނު ބައެއް ގެތަކުން ވެސް ބެލެނިވެރިން ވަނީ އެ މީހުންގެ ދަރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ކަމަށެވެ. 

"ފުރަތަމަ ރިކުއެސްޓް އަންނަ ތަން ތަނުން މި ފެށީ. އިއްޔެގައި ވެސް ދިޔަ ފްލެޓެއްގެ ބެލެނިވެރިއަކު ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައި. އޭނާ ބުނީ މި ހުންނަނީ ވަރަށް ބޮޑަށް ވިސްނަ ވިސްނައޭ ތިމަންނަގެ ދަރިފުޅު ނޭނގެއޭ ކޮންމެ ވަގުތަކު ވެސް ފުންމާލަފާނެ ކަހަލަ ކުއްޖެކޭ. އެހެންވެ އެއްކޮށް ބަންދުކޮށްލާށޭ ބޭނުންވާނީ. އެހެންވެ އެކަހަަލަ ތަންތަނުގައި މި އެއްކޮށް ބަންދުކޮށްލަނީ،" 25 ބުރިއަށް ނަގާފައިވާ އެ ފްލެޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އޮފިޝަލް ވިދާޅުވި އެވެ. 

އެކަމަށް ހިނގާނެ ހަރަދު އަދި ސާފުނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ސީދާ ހަރަދުގެ ސާފުވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ބޭނުންވާ ފްލެޓުތައް ފާހަގަވެ، އެ މީހުން ބޭނުންވަނީ ލޮކިން ނުވަތަ ގްރިލިން ސިސްޓަމްކަން ސާފުވުމުން ކަމަަށެވެ. 

"ލޮކިން އާއި ގްރިލިން ސިސްޓަމް މިއުޅެނީ. އެހެންވެ އެކަމަށް ދާނެ ހަރަދެއް ނޭނގޭ އަދި. ފުރަތަމަ މި ދަނީ އިންސްޕެކްޝަނަށް. ދެން އެއަށް ރިކުއެސްޓްކުރީމަ ވެރިފައި ކުރުމުގެ ކަންކަން މި ކުރަނީ. ދެން އެކޮޅަށް ފަސޭހަ ގަޑިއެއްގައި އެތަނަށް ގޮސް ބަލާފައި މި އެނގެނީ."

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަދު ފަށާނެ އެވެ. މިހާރުން މިހާރަށް އެކަން ކުރުމަށް ބޭނުންވާ ވަރަށް ކޮންމެވެސް ވަރަކަށް ސާމާނު ކުރި ކަމަށް ވެސް ވިދާޅުވި އެވެ. 

އެއްމެދު އިމާރާތްތަކުގެ ބެލްކަނި މަރާމާތުކުރަން އެޗްޑީސީން ނިންމާފައި ވަނީ ސްޓެލްކޯގެ ފްލެޓަކުން އުމުރުން އެންމެ 2 އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެފައި ވަނިކޮށެވެ.