ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންނަށް ދިރިއުޅުން އިތުރަށް ތަނަވަސްކުރަން ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހިޔާ ފްލެޓްގެ ދެ ކޮޓަރިއަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު ބަދަލުވެ، ދަރިން ގިނަވެ އެހެން ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ ކަމަށެވެ.
ނަމަވެސް، އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އަދި ތަންތަން ހުރި މީހުންނަށް ވުރެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ނަމަވެސް ސަރުކާރުގެ ސިޔާސަތު ބައްޓަންވެގެން ދާން ޖެހޭނީ މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތް ހޯދައިދިނުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދީ، އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލު މި ވަގުތު ދަންނަވަން ދަތި ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރާނީ އެކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ހިޔާ ޓަވަރުތަކަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ ތަނެއް ކަމަށާއި އަދި އެއިން ކޮންމެ ޓަވަރެއްގައި 2،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، އެ ރައްޔިތުންނަށް ފަސޭހަކަމާއި ލުއިތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު އާބާދީއަކަށް އެކަށީގެންވާ ހިދުމަތްތަކެއް ގާއިމުކުރަން ސަރުކާރުން އިސްކަން ދިން ނަމަވެސް، އެކަމަށް ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ހިޔާ ސަރަހައްދަށް ކަނޑައަޅާފައިވާ "އޯޕަން ސްޕޭސްތަކުން" ގޯތި ދީފައިވުމާއި އިތުރަށް ބިން ނެތުން ފަދަ ކަންކަމުގެ ސަބަބުން ހިދުމަތް ހޯދައިދޭން ދަތިތަކާ ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރަން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރިއަށް ގެންދަން ސަރުކާރުން ބާރުއަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ސަރަހައްދަކީ އަދި ފޭސް 2 އަކީ ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުމާ އެކު އުޅެވޭނެ ތަނެއް ކަމަށް ހެދުމަށްޓަކައި އެންމެން ވެސް ބައިވެރިވުން މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.