މާލޭ ރައްޔިތުންނަށް ހުޅުމާލޭގެ ފޭސް 2 އަދި ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ ގޯތިތަކަކީ ދިރިއުޅުމުގެ ބޭނުމަށް އެކަނި ބޭނުން ކުރެވޭ ތަނެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވިޔަފާރިއަށް ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ. 

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުން ނިންމުން ފާހަގަކުރަން މިރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި މިހާރު ހުރި ހުޅުމާލޭގެ ބިންތަކުން އެކަނި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށެވެ. 

އެޗްޑީސީގެ ބިންތައް މަދުވެފައިވަނީ ކުރިން އޮތް ޕްލޭން ބަދަލުކޮށް، ހުޅުމާލޭން މާލޭ ރައްޔިތުންނަށް 2،000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އޮތް ހާލަތުގައި ވިސްނުމަކަށް ވާންވީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެން ހަދާ ކޮންމެ ތަނަކީ އެޗްޑީސީގެ ބިމެއްގައި ހަދާ ތަނަކަށް ވާން ނުޖެހޭ ކަމެވެ. 

"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މި ތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ވެސް ތަނަވަސްކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ. 

"މި ވަގުތު އެ ބިންތަކަކީ ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި ބިންތަކެއް. ހަމައެކަނި ދިރިއުޅުމަށްޓަކައި ވަކި ގޮތަކަށް ހުއްދަ މި ދެވެނީ." އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި ލިފްޓް ހަުރުކުރުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާއި އެޗްޑީސީގެ އެމްޑީ ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ ފްލެޓްތަކުގައި ލިފްޓް ހަުރުކުރުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާއި އެޗްޑީސީގެ އެމްޑީ ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުން އަމިއްލަ ފަރާތްތަކުގެ ބިންތަކުގައި ކުރާ އިންވެސްޓްމެންޓްތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ލިބޭނެ ގޮތް ހޯދުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ޕްރީސްކޫލާއި ކްލިނިކްތަކާއި ޝޮޕިން ކޮންޕްލެކްސްތަކެވެ. 

މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތައް ވެސް ވިޔަފާރި ފަދަ ހުރިހާ ކަމަކަށް ބޭނުން ކުރެވޭ ކަމަށާއި އެހެންވީމަ ހުޅުމާލޭގައި ވެސް ރައްޔިތުންނަށް އެ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ. އަދި އޭރުން ހަމައެކަނި ފައިދާ ވާނީ ބިންތައް ލިބިފައިވާ މީހުންނަށް އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން ހުޅުމާލޭގެ އިގުތިސޯދު ފުޅާވެ، ވަޒީފާ އާއި ވިޔަފާރިތައް އުފެދި ހިދުމަތްތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އާންމު ރައްޔިތުންނަށް ދޫކޮށްފައި މިހުރި 2،000 އަށްވުރެ ގޯތިތަކުގެ ތެރޭގައި މި ދެންނެވި ހިދުމަތްތައް ދިނުމުގެ ފުރުސަތު ފަހި ކުރެވެންޖެހޭ. އެހެންވީމަ ސަރުކާރުން މަސައްކަތް ކުރާނީ ހުޅުމާލޭގައި ހުރި ބިންތަކުން ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަމާ އެކު ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭ ފުރުސަތު ތަނަވަސްކޮށްދެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ. 

ކުރީގެ ސަރުކާރުން ބިންވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 އާއި 3 އަދި ގުޅީފަޅާއި ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވަނީ ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށެވެ. އަދި ވިޔަފާރި އުސޫލުން އެ ބިންތައް ބޭނުން ނުކުރެވޭނެ ކަމަށް ޝަރުތުކޮށްފައި ވެސް އޮތެވެ.