އޮންލައިންކޮށް ޖުވާ ކުޅުން ފުޅާވެފައި އޮއްވައި، އެކަން ހަމައެކަނި ޖިނާއީ ކުށަކަށް ހަދައިގެން ޖުވާ ކުޅުން ނުހުއްޓުވޭނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝަމީމް ބްލޮގްގައި ލިޔުއްވި ގޮތުގައި ސްމާޓް ފޯނުން ޖުވާކުޅޭ ސައިޓުތައް ޑިވެލޮޕްކޮށްފައި ހުންނަނީ މީހުންގެ ސަމާލުކަން ހޯދައި ދަމަހައްޓާނެ ހާއްސަ އުކުޅުތަކާ އެކު އެވެ. އެ އުކުޅުތަކުގެ އަސަރު މަޖިލީހުން ފާސްކުރާ ގާނޫނަކުން ވަގުތުން ނައްތާލެވިދާނެކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ގާނޫނު ފާސްކުރާ ދުވަހު އެ މީހުންގެ ފޯނުގައި ހުރި އެޕުތައް ޑިލީޓުކޮށްލާނެކަމަށް ބެލުމަކީ އަޅުގަނޑަށް ހަމަޖެހޭ ކަމެއް ނޫނެވެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުން މީހުންގެ ސުލޫކު ބައްޓަންކުރެވޭނީ، ގާނޫނާ ހިލާފުވާ މީހުންނަށް ކޮންމެވެސް ކަހަލަ ފިޔަވަޅެއް އެޅޭނެކަން މީހުންނަށް ޔަގީންވާ ނަމަ ކަމަށެވެ. މިހާރު ގާނޫނު ޑްރާފްޓް އޮތް ގޮތުން، ޖުވާގެ ކުށް ތަހުގީގުކޮށް، ޝަރީއަތެއްގައި ކުށް ސާބިތުކުރެވޭވަރަށް ހެކި ހޯދިދާނެކަމަކަށް ނުފެންނަ ކަމަށާއި އެކަމުން ޖުވާކުޅުން ހުއްޓުވިދާނެކަމަށް ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުވާކުޅުން ހުއްޓުވުމަށްޓަކައި ކުރެވޭނެ ކަމެއްގެ ގޮތުގައި ފެންނަނީ، ޝަމީމް ވިދާޅުވި ގޮތުގައި ފްރިކްޝަން ބޮޑުކުރުމެވެ. އޮންލައިން ސައިޓުތަކުގެ ތެރެއިން އިޖްތިމާއީ ބޭނުންތަކަށްޓަކައި ސައިޓުތައް ބްލޮކްކުރުމަކީ ގާނޫނަކާ ނުލައި މިހާރު ވެސް ސަރުކާރަށް ކުރެވެން އޮތް ކަމެއްކަން ޝަމީމް ފާހަގަކުރެއްވި އެވެ.
"މިދެންނެވި އެންމެން އޮންލައިން ބެޓިން ސައިޓުތަކަށް ފައިސާ ދެނީ ބޭންކުތައް މެދުވެރިކޮށެވެ. ބޭންކުތަކުން އޮންލައިން ބެޓިން ސައިޓުތަކަށް ފައިސާ ނުފޮނުވޭގޮތަށް ހެދުމަކީ އެމްއެމްއޭ މެދުވެރިކޮށް މިހާރުވެސް ކުރެވެން އޮތް ކަމެކެވެ. ރާއްޖޭގައި ގާނޫނީ ގޮތުން ހުއްދަ ނޫން ކަމަކަށް ފައިސާ ދެއްކުމަށް ރާއްޖޭގެ މާލީ ނިޒާމު ބޭނުމެއް ނުކުރެވޭނެ އެވެ. ދެން އޮތީ، މޯބައިލް ފޯނުން އެޕުތައް ބްލޮކް ކުރުމެވެ. މިއީ، ގާނޫނީ ގޮތުން ކުރަން ފަސޭހަ، ނަމަވެސް އަމަލީ ގޮތުން ކުރަން އެންމެ އުނދަގޫ އެއް ކަންތަކެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، ޖުވާކުޅުމަށް 'ފްރިކްޝަން' އުފައްދައިގެން، ޖުވާކުޅުން ހުއްޓުވާލުމަކީ މިހާރުވެސް މާ ދަތިކަމަކާ ނުލައި ކުރެވެން އޮތް ކަމެކެވެ.
ގާނޫނެއްގައި ވަކި ކަމަކީ މަނާކަމެއްކަމަށް ލިޔުމުން، މީހުން އެކަން ނުކުރާނެ ކަމަށް ސަރުކާރުތަކުން ބައެއްފަހަރު ދެކޭ ކަމަށާއި ނަމަވެސް، ގާނޫނުން މަނާކުރިޔަސް މީހުންގެ ސުލޫކު ބަދަލުކުރެވޭނީ ގާނޫނީ ހައްލާ އެކު، އިޖްތިމާއީ، އިގުތިސާދީ އަދި ސިއްހީ ހައްލުތަކެއް ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުވާކުޅުމުގެ މައްސަލަ ހައްލުކުރަން އޮތް މަގަކީ، ގާނޫނުގައި އެއީ މަނާކަމެއްކަމަށް ލިޔުމުގެ އިތުރުން، އެކަން ކުރެވެން ހުރި މަގުތައް ބަންދުކޮށް، 'ފްރިކްޝަން' އިތުރުކުރުމެވެ." ޝަމީމް ވިދާޅުވި އެވެ.