އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ތަނުން ލޮލުގެ ނަމްބަރު ނެގިއަސް އައިނު ލިބުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އެހެންވެ، އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ހިސާބުގައި ހޮސްޕިޓަލުގައި ހުޅުވަން ނިންމާފައިވާ އައިނު ފިހާރައާ އެކު ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުގެ އައިނު ފިހާރަ އެންމެ ފުރަތަމަ ހުޅުވީ އައިޖީއެމްއެޗުގަ އެވެ. އެ އަށް ފަހު، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަނީ އައިނު ފިހާރައެއް ހުޅުވައިފަ އެވެ.
އައްޑޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އައިނު ފިހާރަ ހިންގާނީ އައިޖީއެމްއެޗާ ގުޅިގެން ކަމަށެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދެ އެވެ. އެ ސަބަބުތަކާ ހެދި އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
ސަރުކާރުން ވަނީ އައިނު ހެއްދުމަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ވެސް 2،000ރ. އަށް ބޮޑުކޮށްފަ އެވެ.