ހިތުގެ ބަލިތަކަށް ބޭނުންވާ މުހިއްމު ފަރުވާތަކެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަށައިފި އެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އޭއީއެޗް އާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ދަތުރުތަކަކީ ރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީހުގައި ހޯދުނު ފާހަގަކޮށްލެވޭ ފަހުރުވެރި ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދަތުރުގައި:

  • މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީސީއައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ހިދުމަތް އައްޑޫގައި ވަނީ ކާމިޔާބުކަމާއެކު ފަށާފައި.
  • ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައިސީޑީ" އަދި "ޕާމަނަންޓް ޕޭސްމޭކާ" ލެއްވުމުގެ ހިދުމަތް ވެސް ވަނީ ތައާރަފުކޮށްފައި.
  • ޖުމްލަ 11 އެންޖިއޯގްރާމް އާއި ހަ އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ވަނީ ފޯރުކޮށްދީފައި.

ހަލީމް ވިދާޅުވީ އެއީ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެއްޓެވި ކަންކަން ކަމަށެވެ.

އޭއީއެޗުގައި ދާއިމީކޮށް ފެށި ސާޖަރީތަކާ ބެހޭގޮތުން އެ ހޮސްޕިޓަލުން ބުނީ އެފަދަ ކޭސްއެއް އައުމުން މާލެއިން އެ ކަމަކަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރުން އަންނާނެ ކަމަށެވެ.

އަދި އޭއީއެޗްގައި ނުކުރެވޭފަދަ އޮޕަރޭޝަނެއް ނަމަ އެ މީހާކު މާލެ ގެންނާނެ ކަމަށާއި އަދި އެ މުއްދަތުގައި އޭއީއެޗްގެ ޑޮކްޓަރުން ވެސް އެކަމަށް ތަމްރީނު ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.