އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ރައްކާތެރިވާން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެ އެވެ.
އައްޑޫ ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހުމަދު "މިހާރު" އަށް ވިދާޅުވީ މި މަހު އައްޑޫން ރިޕޯޓުކުރި ޑެންގީ ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ޖެނުއަރީ މަހު 51 ކޭސް ރިޕޯޓުކޮށްފައި ވާއިރު މި މަހު މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިވަގުތު އެންމެ ގިނައިން ޑެންގީ ކޭސްތައް ފެންނަނީ ހިތަދު އާއި ފޭދޫން ކަމަށާއި ފޭދޫގައި ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ޑެންގީ ފެތުރޭ މިންވަރު އިތުރު ވެފައިވާ ކަމަށެވެ. ވިއްސާރަ ދުވަސްވަރަށް ފަހު ދެން އަންނަ ދުވަސްތަކުގައި ޑެންގީ ފެތުރޭ މިންވަރު އަބަދުވެސް ވަރަށް ބޮޑަށް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމާލުވާންވީ ކަންކަން:
- ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހަފާ މަދިރިއަކަށް ވާތީ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ޑެންގީ މަދިރި އަލާވާ، ފެންހެދޭ ނުވަތަ ފެންހަރުލާ ތަންތަން ނައްތާލުން
- ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ބޮޑެތި ބަލިތައް ހުންނަ މީހުނަށް ނުރައްކާތެރި ބައްޔަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދިނުން
- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުން
ޑެންގީ ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ
- އަރާމުކުރުން
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން[ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި]
- ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ ޕެރެސެޓެމޯލް ބޭނުންކުރުން
- ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
އެޗްޕީއޭއިން މި މަހު 10ވަނަ ދުވަހު އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން 359 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.