މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހުނު މީހުންގެ އަދަދު 400 ގުނަ އަށް ވުރެ އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. 

އެ އިދާރާ އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އޭޕްރީލް މަހާ ހިސާބަށް ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާ ބަލާއިރު މި އަހަރު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރެވެ. މިދިޔަ އަހަރު ފުރަތަމަ ހަތަރު މަހު ޑެންގީގެ 374 ކޭސް ރިޕޯޓު ކުރިއިރު މި އަހަރު އެ މުއްދަތުގައި 2،183 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ ތަފާސްހިސާބު:

  • މިދިޔަ އަހަރު ޖެނުއަރީގައި ރިޕޯޓުކުރީ އެންމެ 75 ކޭސް. މި އަހަރު ޖެނުއަރީ މަހު އެކަނި 679 ކޭސް ރިޕޯޓު ކޮށްފައިވޭ
  • މިދިޔަ އަހަރު ފެބަރުއަރީ މަހު 87 ކޭސް ރިޕޯޓު ކުރިއިރު މި އަހަރު ފެބްރުއަރީގައި 428 ކޭސް ރިޕޯޓު ކުރި
  • މިދިޔަ އަހަރު މާޗް މަހު 76 ކޭސް. މި އަހަރު 600 ކޭސް ރިޕޯޓުކުރި
  • މިދިޔަ އަހަރު އޭޕްރީލް މަހު 135 ކޭސް ރިޕޯޓުކުރިއިރު މި މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓުކޮށްފައިވޭ

އެޗްޕީއޭން ބުނީ މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ.

މިދިޔަ މަހުގެ 22 އިން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް ޖުމްލަ 21،687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއީ ރޯގާ ޖެހިގެން އަތޮޅުތެރެެއިން ރިޕޯޓުކުރި 11،792 ކޭސް އަދި މާލެ ސަރަހައްދުން ރިޕޯޓު ކުރި 9،894 ކޭސް އެވެ.

އެ މުއްދަތުގައި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިންފްލުއެންޒާ ޖެހުނު މީހުން:

  • ޖެނުއަރީ މަހު އިންފްލުއެންޒާއަށް 791 މީހުން ޓެސްޓުކުރިއިރު އޭގެ ތެރެއިން 99 މީހުން ޕޮޒިޓިވް
  • ފެބްރުއަރީ މަހު 134 މީހުން ޓެސްޓް ކޮށްފައިވާއިރު، 8 މީހުން ޕޮޒިޓިވް
  • މާޗް މަހު 105 މީހުން ޓެސްޓްކުރިއިރު 5 މީހުން ޕޮޒިޓިވް
  • މި މަހު ޓެސްޓް ކުރި 89 މީހުންގެ ތެރެއިން 18 މީހުން ޕޮޒިޓިވް