ރާއްޖޭގައި މި ދުވަސްވަރު އާންމު ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިދިޔަ މަހުގެ ފަހު ތިން ހަފްތާގެ ތެރޭގައި އެކަނި ވެސް ބޭރަށް ހިންގުމުގެ 5،600 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭއިން މިއަދު "މިހާރު" އަށް ހިއްސާކުރި، މިދިޔަ މަހުގެ 11 އިން 31 ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
- އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން 359 ކޭސް ރިޕޯޓްކޮށްފައިވޭ.
- އަރިދަފުސް ރޯގާ ޖެހިގެން 21،993 ކޭސް ރިޕޯޓްކޮށްފައިވޭ.
- ބޭރަށްހިންގުން ޖެހިގެން 5،621 ކޭސް ރިޕޯޓްކޮށްފައިވޭ.
އާންމު ބަލިތައް އިތުރުވުމުގެ ސަބަބުން މި ދުވަސްވަރު މާލެ އާއި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކަށް ވެސް ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ.
މި ދުވަސްވަރު ރާއްޖެ ސަރަހައްދުގެ ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން މިދިޔަ މަހު ބުނެފައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދިގެން އެޗްޕީއޭ އިން މިދިޔަ މަހު ދިން މައުލޫމާތުގައިވާ ގޮތުގައި، މިދިޔަ ފަސް އަހަރު އިރުވައި މޫސުމުގެ ދުވަސްވަރު (ޑިސެމްބަރުން އެޕްރީލަށް) ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރި އަދަދު ވަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވެފަ އެވެ.