މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތާ މެދު ގިނަ ގުނަ މަޝްވަރާތަކެއް ކުރުމުން ވެސް "ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލުނުކުރެވޭ" ކަމަށް ވިދާޅުވެ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެެއާޕާސަން ކަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ގެއްލުން ބޮޑު ނިންމުއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވީ އެއީ ގެއްލުން ބޮޑު ކަމެއް ކަމަށް "ޓެކްނިކަލީ" ގަބޫލުކުރެއްވޭތީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށް ވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވުން ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ

"...ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުމެވެ،" 

ބޮންޑު ނެގުމާ މެދު އިސްތިއުފާ ދެއްވި އިރު، އިނާޒް މީގެ ކުރިން ވަނީ އެކަން ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. 

ބޮންޑްގެ މައްސަލައިގައި މީގެ ކުރިން އޭނާ ވިދާޅުވެފައި ވަނީ އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

ނޮވެމްބަރު 17 ، 2025 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ޕެންޝަން އޮފީހާއި ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް އަދި އެތެރޭގެ އުސޫލުތަކާ ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖުމަންޓުން އަމަލު ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކޮންމެ ސަރުކާރެއްގެ ވެސް މާލީ ސިޔާސަތުގެ ސަަބަބުން ޕެންޝަން ފަންޑުގެ ސަސްޓެއިނަބިލިޓީ އަށް އަތުވެދާނެ ނޭދެވޭ އަސަރު ކުޑަކުރަން މަޝްވަރާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...މި ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެމެވެ،" އިނާޒް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތަކީ ފައިސާ ޗާޕްކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ސަރުކާރުން ބުނަމުން އަންނަނީ އެއީ ފައިސާ ޗާޕްކުރުން ނޫން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން "މިހާރު" އަށް ކުރިން ދިން ޖަވާބެއްގައި ބުނީ ސަރުކާރުން ޕެންޝަން ފަންޑަށް ވިއްކި ޓީބޮންޑުތައް ސެކަންޑަރީ މާކެޓުގައި އެމްއެމްއޭ އިން ގަންނަން ނިންމައި، އެ ފަންޑުން އަނެއްކާ ވެސް ސަރުކާރުން އިތުރު ޓީބޮންޑު އިޝޫ ކުރުމަކީ ރަނގަޅު މުއާމަލާތެއް ކަމަށެވެ.