ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުނިތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަމީން މިއާގެ މަރާ ގުޅިގެން މިހާރު ވަނީ އެކްސްކަވޭޓަރު ދުއްވަން އިން ސްރީ ލަންކާގެ ޑްރައިވަރު ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ބަންގްލަދޭޝްގެ އަމީން މިއާ، މިދިޔަ ހޯމަ ދުވަހުގެ މެންދުރު ނިޔާވީ ތިލަފުށީގައި ކުނި ޖަމާކޮށްފައިވާ ސައިޓުގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނަގަނިކޮށް ހިނގި ހާދިސާގައި ކަމަށެވެ.
އޭނާ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅުނީ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.
ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަމީން، 24، މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހު ފެނުނީ، އޭނާ ގެއްލިފައިވާ ކަމަށް ބުނެ އޭގެ އަނެއް ދުވަހު ކުރި ރިޕޯޓަކާ ގުޅިގެން ހޯދަމުން ދަނިކޮށެވެ.