ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 45 ދުވަސް ދީފި އެވެ. 

ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދާތާ ދެ ދުވަސް ފަހުންނެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ. 

ކުނިތަކުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އޭނާގެ މައްޗަށް ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތެވެ. 

އޭނާގެ ބަންދަށް އެންމެ ފުރަތަމަ ހަތް ދުވަސް ދިނެވެ. އޭގެ ފަހުން ދިން 10 ދުވަސް އިއްޔެ އަށް ވަނީ ހަމަވެފަ އެވެ. ބަންދު މުއްދަތު އިތުރު ކުރަން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 45 ދުވަސް ދޭން ނިންމައިފަ އެވެ. 

އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވެ އެވެ. އެގޮތުން ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ފޮޓޯތަކުން އެނގޭ ގޮތުގައ،ި އޭނާ ދުއްވަން އިން އެކްސްކަވޭޓަރުން ޖެހުމުގެ ސަބަބުން މީހަކު މަރުވެފައިވާ ކަމަަށް ބެލެވޭ ކަމަށް އަމުރުގައިވެ އެވެ. 

އަމުރުގައި ބުނެފައިވަނީ ހެއްކެއްގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ހާދިސާ ހިނގި ފަހުން އަމިއްލަ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައި ވުމާއ، އޭނާއަކީ ސްރީ ލަންކާގެ ރައްޔިތަކަށް ވުމުން އެ ގައުމަށް ދިއުމަށް ފަހު ފިލުމުގެ އިހްތިމާލު އެބައޮތް ކަމަށެވެ. 

އޭނާ ރާއްޖޭގައި މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީ މީހާގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި، ކުނިތައް ގައިމައްޗަށް އެޅުނީ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގެ އެވެ. އެކަމަކު އެއީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.